ކޭ-ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި މއ. އެރަލްސީ، ޙަސަން މަމްދޫޙް (މަންޑޭ) ގެ މައްޗަށް 94 ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރުމަށް ފުލުހުން ވަނީ ރޭގައި މަންޑޭ ހައްޔަރު ކޮށްފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، މިއީ މަންޑޭ އާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ހިއްސާދާރުކަމުގައިވާ ޗައިނާ، ޖިން ޝިހޫ، (ޕާސްޕޯރޓް ނަންބަރު 8055185އީއެފް) ގެ ސޮއި ފޯޖުކޮށްގެން ލިޔެކިޔުންތަކެއް ހަދައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވައި، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާކުރަމުންދާ އިމާރާރުގެ އެޕާރޓްމަންޓްތައް އޮޅުވާލައިގެން މަކަރާއި ހީލަތުން އާއްމު ފަރާތްތަކަށް ވިއްކައި ބައެއް އެޕާޓްމަންޓްތައް އެއް ފަރާތަށް ވުރެ ގިނަ ފަރާތަށް ވިއްކައި އެފައިސާއަށް ހިޔާނާތްތެރިވެ އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައެއް ކަމަށެވެ.
މަންޑޭގެ މައްޗަށް ސާބިތުވި ދައުވާތައް:
1. ޓެކުން (46 ދައުވާ)
2. އޮޅުވާލުމުގެ ޢަމަލެއް ކުރުން (44 ދައުވާ)
3. މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުން (3 ދައުވާ)
4. މަނީ ލޯންޑްރިންގ (1 ދައުވާ)
މި މައްސަލައިގައި ދެން ހިމެނޭ ޖައިޝާން ސަޢީދުގެ މައްޗަށް ސާބިތުވި ދައުވާތައް:
1. ޓެކުމުގައި ބައިވެރިވުން (45 ދައުވާ)
2. އޮޅުވާލުމުގެ ޢަމަލެއް ކުރުން (40 ދައުވާ)
3. މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުން (3 ދައުވާ)
4. މަނީ ލޯންޑަރކުރުމަށް އެހީތެރިވުން (1 ދައުވާ)
މި މައްސަލާގައި ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެފައިވާތީ، އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ ނަންބަރު: 02-13 (އޭރިއާ 2597.58) އެޕާޓްމަންޓާއި، އެޕާޓްމަންޓާ ގުޅިފައިވާ ބޭސްމަންޓް (02-13) ޕާކިންގ ސްލޮޓް ދައުލަތަށް ނެގުމަށް ވެސް މިއަދު ވަނީ ނިންމާފައެވެ.
މި ދައުވާތަކާ ގުޅިގެން އަދަބު ކަނޑައެޅުމުގެ އަޑުއެހުން މި ހިނގާ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހަށް ތާވަލުކޮށްފައިވޭ.
މި ދައުވާތައް ސާބިތުވާކަމަށް ކަނޑައެޅުމާ ގުޅިގެން ދައުވާލިބޭ މީހުންވަނީ އަދަބު ކަނޑައެޅެންދެން ބަންދުކޮށްފައި ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.




