ރޭޕްގެ ތުހުމަތު ކުރެވިފައިވާ ގދ. ވާދޫ / ސަބާހާމަންޒިލް، އިޒާމް ޒާހިރު (26އ.) މިއަދު އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފިއެވެ.
އިޒާމް ޒާހިރު މިއަދު އަމިއްލައަށް ފުލުހަށް ހާޒިރުވެފައި މިވަނީ، އޭނާގެ މައްޗަށް ރޭޕްގެ ތުހުމަތު ކުރެވިގެން ހޯދާތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ. އެގޮތުން އޭނާ ހޯދުމަށް 9 ފަހަރު އިއުލާނު ކުރިކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.
ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން ޖޫން، 11، 2024 ގައި އޭނާ ހޯދުމަށް އޭނާގެ ފޮޓޯއާ އެކު އިއުލާނުކޮށްފައިވެ އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އޭނާ ހޯދަން އިއުލާނުކޮށްފައި ވަނީ ކޯޓުގެ އަޑުއެހުމަށް ހާޒިރުވެފައި ނުވާތީއެވެ.
ފުލުހުން ބުނީ އިޒާމު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މީހާ ކޯޓަށް ހާޒިރުކުރުމަށް ނުވަ ފަހަރެއްގެ މަތިން ފުލުހުން އިއުލާނުކޮށްފައިވާ ކަމަށާއި އެކަމަކު މިހާތަނަށް ކުރެވުނު މަސައްކަތުން ވެސް އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ.
ފުލުހުން ދާދި ދެންމެއަކު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، އިޒާމް ޒާހިރު މިއަދު އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެން 30 ޑިސެމްބަރު 2025 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް ކަމަށް ވެސް ބުނެފައިވެއެވެ.




