ޔުނައިޓެޑް އެރެބް އެމިރޭޓްސް(ޔޫއޭއީ) ގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ބޮޑު ބޭބޭފުޅު، ޝައިޚް ތަހުނޫން ބިން މުހައްމަދު އަލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.
ރައީސްގެ މެސެޖުގައި ޝައިހް ތަހްނޫން އަވަހާރަވުމާއި ގުޅިގެން ކުރިމަތިވި ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އާއި، ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާންގެ އާއިލާއާއި، ޔޫއޭއީގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައި ވެއެވެ.
ޝައިޚް ތަހުނޫން ބިން މުހައްމަދު އަލް ނަހްޔާންއަކީ ޔޫއޭއީގެ ޝާހީ އާއިލާގެ މެންބަރެއްގެ އިތުރުން ވިޔަފާރިވެރި އެކެވެ. އަދި 1971 ވަނަ އަހަރުން ފެށިގެން އަވަހާރަވުމާއި ހަމަޔަށް ހުންެނެވީ، އަބޫދާބީީގެ ވެރިޔާގެ ފަރާތުން އަލް-އައިން ސަރަހައްދު ތަމްސީލު ކުރައްވާ މަންދޫބެއްގެ ގޮތުގަ އެވެ. އެމަނިކުފާނު އަވަހާރަވެފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އަވާހަރަވީ އުމުރުން 82 އަހަރުގަ އެވެ.
އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން ހިތާމަ ފާޅުކުރުމުގެ ހަތް ދުވަސް ކަނޑައަޅަައި، ހަތްދުވަހުވެސް ޔޫއޭއީގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ޔޫއޭއީ ސަރުކާރުން ވަނީ ނިންމަވާފަ އެވެ.




