އައު އަހަރާ ދިމާކޮށް 4 ދުވަހަށް ބޭންކުތައް ބަންދުވިޔަސް، ބޭންކިންގެ ޚިދުމަތްތައް ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
މި ފެށޭ އައު އަހަރާ ދިމާކޮށް، 31 ޑިސެމްބަރު 2025 ވާ ބުދަ ދުވަހުން ފެށިގެން 3 ޖެނުއަރީ 2026 އާ ހަމައަށް އެމްއެމްއޭ އާއި ބޭންކުތައް ބަންދުވާނެއެވެ. އެމްއެމްއޭ އާއި ބޭންކުތައް ދެން ހުޅުވާނީ 4 ޖެނުއަރީ 2026 ވާ އާދިއްތަ ދުވަހުއެވެ.
ބީއެމްއެލުން ބުނީ، ބޭންކު ބަންދު ދުވަސްތަކުގައި އިންޓަނެޓް ބޭންކިންގ، ސެލްފް ސަރވިސް ބޭންކިންގ އަދި އޭޓީއެމް މެދުވެރިކޮށް ހުރިހާ ބޭންކިންގ ޚިދުމަތެއް ލިބޭނެ ކަމަށެވެ. އަދި ކޮންޓެކްޓް ސެންޓަރގެ ނަންބަރު 3330200 އާއި ވެބްޗެޓް އަދި ބޭންކުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެ ކަމަށް ވެސް ބުންޏެވެ.
ކޮންމެ އަހަރެއްގެ ނިމުމާއިއެކު ބޭންކުން ނިންމަންޖެހޭ މާލީ ހިސާބުތައް ނިންމުމަށް ޑިސެމްބަރުމަހުގެ ފަހު ހަފްތާގައި ބޭންކުތައް ބަންދުކުރެއެވެ. ބޭންކު ބަންދުކުރިނަމަވެސް ބީއެމްއެލް އަދި އެމްއައިބީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައި ހުރި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބެއެވެ.



