އިސްލާމިކް މިނިސްޓްރީގެ 2026 ވަނަ އަހަރުގެ އެކްޝަން ޕްލޭން ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު އެ މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެކްޝަން ޕްލޭން އިފްތިތާޙްކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
އެ މިނިސްޓްރީން ބުނީ އެ އެކްޝަން ޕްލޭނަކީ މިނިސްޓްރީން އެކި ދާއިރާތަކުން 2026 ވަނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ މުހިއްމު މަސައްކަތްތައް ތަފްސީލް ގޮތެއްގައި ހިމެނިފައިވާ އެކްޝަން ޕްލޭނެއްކަމަށާއި އެ މިނިސްޓްރީގެ މަސައްކަތްތައް ރާވާލެވިފައިވަނީ މި އެކްޝަން ޕްލޭނުގައި ވާ ގޮތަށް ކަންކަން ޙަސިލްކުރެވޭނެ މަގުންކަމަށެވެ.
މިއީ އެ މިނިސްޓްރީގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވިގެންދާ މަސައްކަތެއް ކަމަށާއި 2024 ވަނަ އަހަރާއި 2025 ވަނަ އަހަރަށްވެސް އެކްޝަން ޕްލޭންއަކާއެކު މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އެކްޝަން ޕްލޭނުގައި ހިމެނޭ ގިނަ ކަންކަން ޙާސިލްކުރެވިފައިވާކަން މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ އިސްލާމީ ނޫރު ދިވެހި ރާއްޖެއަށް ފެތުރުމުގެ މުހިންމު މަސްއޫލިއްޔަތު މި ކުރިއަށް ގެންދަވަނީ ވަރަށްވެސް މަތިވެރި އަޒުމާއި އިޚްލާސްތެރިކަމާއިއެކު ދިވެހި އުންމަތުގެ ތެރޭގައި އިސްލާމްދީނުގެ ހިދާޔަތުގެ ނޫރު ފެތުރުމަށްޓަކައި ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ އެކްޝަން ޕްލޭނަކީ އެ މިނިސްޓްރީގެ ހުރިހާ ސެކްޝަނެއް ގުޅިގެން ބޮޑެތި މަޝްވަރާތަކަކާއެކު އެކުލަވާލެވިފައިވާ އެކްޝަން ޕްލޭނެކެވެ.



