ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން، ގިރާވަޅުފަޅުން ދޭން ނިންމި 1،114 ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިންގް މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއްޠަލިބް ވިދާޅުވީ، ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޭން ނިންމާފައިވަނީ 5،186 ގޯތި ކަމަށާއި އެއީ 170 ހެކްޓަރު ބިން ކަމަށެވެ.
ނަމަވެސް ގިރާވަރުފަޅުގައި އެންމެ އެކަށީގެންވާވަރަށް ދިރިއުޅުމުގެ މާހައުލު ގާއިމުވެފައި ނެތް ކަމަށް ޤަބޫލު ކުރެވޭތީ، 1،114 ގޯތި ގުޅިފަޅަށް ބަދަލު ކުރަން ނިންމީ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ހޯމް މިނިސްޓަރު ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެންނަނީ 4،072 ގޯތި ގިރާވަރުން ދިނުމަށެވެ. އަދި ލޭންޑް ޔޫސް ޕްލޭން ފާސްވުމާ އެކު، އެ ނިންމުން ވަރަށް އަވަހަށް ގެޒެޓު ކުރާނެ ކަމަށް ވެސް މިނިސްޓަރ މުއްޠަލިބު ވިދާޅުވިއެވެ.
”ކުރީ ސަރުކާރުން ދޭން ކަނޑައަޅާފައިވާ ގޯތީގެ އަދަދަކީ 5،186. އެއީ 170 ހެކްޓަރު. އެހެންކަމުން އެތަނަކީ އެންމެ އެކަށީގެންވާ ވަރަށް ދިރިއުޅުމުގެ މާހައުލެއް ގާއިމުވެފައިވާ ތަނެއް ކަމަށް ގަބޫލު ނުކުރެވޭތީ އެ ތަނުން 1،114 ގޯތި ގުޅިފަޅަށް ބަދަލުކޮށް 4،072 ގޯތި އެ ތަނުން ނަގައި އެގޮތަށް ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް މިހާރު ވަނީ ގެޒެޓް ކުރުމުގެ މަރުހަލާގައި،“ މިނިސްޓަރ ވިދާޅުވިއެވެ.




