ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ތެރެއިން މިހާތަނަށް 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެދަށުން 3879 ފަރާތަކާއެކު ވަނީ ފްލެޓު އެއްބަސްވުން ގާއިމްކުރެވިފައި ކަމަށެވެ.
އަދި އެއްބަސްވުން ހެދިފައިވާ ހުރިހާ ފަރާތްތަކާވެސް ޖަނަވަރީމަހު ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.
”ފްލެޓު ހަވާލުކުރުން ލަސްވެގެންގޮސްފައި ވަނީ އެއްބަސްވުމުގައި ފެނާއި ކަރަންޓުގެ މަސައްކަތްތައް ހިމެނިފައި ނުވުމުން“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ އެ މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްފައެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަނުން ފެށީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ.



