ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އަންނަ މަހު ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހައުސިން މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ބޯހިޔާވަހި ކަމުގެ މަޝްރޫޢުތަކުގެ ދަށުން އެއްކޮޓަރިން 2 ކޮޓަރިއަށް އަދަދު އިތުރު ކުރުމުގެ ބަދަލުގައި 3 ކޮޓަރިއަށް ސަރުކާރުން އިސްކަންދެނީ އާއިލާތަކަށް ހަމަޖެހިލައިގެން އުޅޭނެ މަގުތަނަވަސް ކޮށްދިނުމަށް ކަމަށާއި ސަރުކާރުން އިއުލާން ކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ބިނާކުރާނީ ރައްޔިތުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަށް ކަމަށެވެ.
މާލެ ސަރަހައްދުން ގޯތި ދިނުމަށް ނިންމާފައިވާ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަން ހާމަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ މަޝްރޫޢުގެ ދަށުން ހިއްކަން ޖެހޭ 63 ހެކްޓަރުގެ ތެރެއިން 47 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށެވެ.
އެގޮތުން މިހާރު ތާވަލުކުރެވިފައިވާ ގޮތުން އަންނަ މަހުގެ 20 އަށް ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



