އެކި ދުވަސްމަތިން މަކާރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހޯދައި އެ މީހާ ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މއ. ގުލްޝަންކިނާރާ / މާލެ، އަޙްމަދު ޢިރުފާލް (36އ) އެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި ފަރާތްތަކުގެ އަތުން ފައިސާ ހޯދާފައިވާކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ 9 މައްސަލައެއްގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިގެން މި މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މި މައްސަލާގައި މިހާތަނަށް ބެލިބެލިމުން އޭނާ ވަނީ 2025 މެއި މަހުން ފެށިގެން މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން 50،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި، އޭނާގެ ނަމުގައި ދެ ބެންކެއްގައި ހުޅުވާފައިވާ އެކައުންޓަށް އެ ފައިސާ ޖަމާކުރުމަށްފަހު އެ ފައިސާތައް ނަގާފައި ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.



