ދިވެހި ވަޠަނީ ޚިދުމަތުގެ ދަށުން ކުރިއަށްގެންދާ 1 ވަނަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ބެޗުގެ ކިޔެވުން ނިންމައި 344 ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ދިވެހި ވަތަނީ ހިދުމަތަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، އަދި ޤައުމަށް ޚިދުމަތް ކުރުމުގެ ރޫޚު ހުރި ރައްޔިތެއް ބިނާކުރުމަށް ފެށި ޕްރޮގްރާމެކެވެ.
އެގޮތުން ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި 350 ދަރިވަރުންނާއެކު ފެށި އެ ތަމްރީނުތައް ފުރިހަމަކޮށް ދަސްވެނިވެފައި ވަނީ 344 ދަރިވަރުންނެވެ.
އެގޮތުން 3 މަސްދުވަހުގެ އެ ތަމްރީނުގައި، ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދީނީ ތަޢުލީމް، ލީޑަރޝިޕްގެ އިތުރުން ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދެއެވެ.
އަދި ހަށިހެޔޮކަމާއި ދުޅަހެޔޮކަން އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީން ހިމެނޭއިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ކުރިއަށް ގެންދެއެވެ.
މީގެ އިތުރުން ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތަކާއި އަސްކަރީ ޙަރަކާތް ތަޢާރަފް ކޮށްދިނުންވެސް މި ތަމްރީނުގައި ހިމަނާފައިވެއެވެ.



