މިދިޔަ މަހު ރާއްޖޭގައި ކައިވެނި ކުރި މީހުންގެ އަދަދު ގިނަ ފަދައިން ވަރިވި މީހުންގެ އަދަދުވެސް 100 އަށްވުރެ ގިނަކަން ހާމަވެއްޖެއެވެ.
ފެމިލީ ކޯޓުން އިއްޔެ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު އެ ކޯޓުގައި 169 ކައިވެނި ކޮށްދީފައިވެއެވެ. އަދި 108 ވަރި ވެސް ވަނީ ކޮށްދީފައެވެ.
މީގެއިތުރުން ފެމިލީ ކޯޓުން ވަނީ މިދިޔަ މަހު ވަރީގެ 153 މައްސަލައެއް ބަލައި ނިންމައިފައެވެ.
އެއީ:
° ވަރިވުމަށް އެދި ހުށަހެޅި 59 މައްސަލަ
° ވަރިކުރުމަށް އެދި ހުށަހެޅި 37 މައްސަލަ
° ވަރި ސާބިތުކޮށްދިނުމަށް ހުށަހެޅި 55 މައްސަލަ
° ވަރިއާމެދު ޝައްކުވެގެން ހުށަހެޅި ދެ މައްސަލަ
މިދިޔަ މަހު ވަރިއާ ގުޅޭ 132 މައްސަލައެއް ހުށަހެޅިއިރު، އޮކްޓޯބަރު މަހު ވަރީގެ 207 މައްސަލައެއް ބާކީވެފައިވެއެވެ. އެ ކޯޓުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 209 މައްސަލައެއް މިދިޔަ މަހު ބަލައި ނިންމިއިރު، އޭގެން ބޮޑު ބައެއް ހިއްސާކުރަނީ ވަރީގެ މައްސަލަތަކެވެ.
އެގޮތުން ވަރީގެ 153 މައްސަލަ ނިންމިކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، މިއީ އެ ކޯޓުން ނިންމި މައްސަލަތަކުގެ 73.2 ޕަސެންޓެވެ.




