މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ގޯތި ދޫކުރަން ރަސްމާލެ ހާއްސަކޮށް، މާލެ ސަރަހައްދުން ދިރިއުޅުމަށް ގޯއްޗާއި ފްލެޓު ދޫކުރާ އާންމު އުސޫލު ސަރުކާރުން ރޭގައި އާއްމުކޮށްފިއެެވެ.
ަސަރުކާރުން އާންމުކުރި އުސޫލުގައިވާ ގޮތުން މާލެ ސަރަހައްދުން ގޯތި ދޫކުރާނީ މާލޭގައި ދިރިއުޅޭ މީހުން ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެެއީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީ އެވެ. އަދި އެ ދެ ކެޓަގަރީގެ މީހުންނަށް ވެސް ދޫކުރާނީ 1،250 އަކަފޫޓުގެ ގޯތި ކަމުގައި ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ދެތިން މަސްތެރޭ ރަސްމާލެ ހިއްކައި ނިމޭނެ ކަމަށެވެ.
ރަސްމާލެ އިން 25،000 ގޯތި ދޫކުރާއިރު ފުރަތަމަ ދޫކުރަން ހަމަޖެހިފައިވަނީ 15،000 ގޯއްޗެވެ.
ގޯތި ދިނުމުގެ އުސޫލުގައިވާ ގޮތުން ގޯތި ދިނުމުގެ ކެޓަގަރީ 1 އަކީ މާލޭގެ ރަށްވެހިންނެވެ. އެ ކެޓަގަރީގެ މީހުންނަށް ގްރޭޓާ މާލެ ސަރަހައްދުންނާއި (ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުންނާއި) ރަސްމާލޭން ވެސް ގޯތި ދޫކުރާނެ އެވެ.
ނަަމަވެސް ކެޓަގަރީ 2 ގެ މީހުންނަށް ގޯތި ދޫކުރާނީ ހަމަ އެކަނި ރަސްމާލެއިންނެވެ.
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ރަސްމާލެ އިން ގޯތި ދިނުމުގައި ފުރަތަމަ ޝަރުތަކީ މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައި ވުމެވެ. އެގޮތުން އަހަރު ގުނާނީ އަންނަ ޖެނުއަރީމަހުގެ 14 ވަަނަ ދުވަހާ ހަމައަށެވެ.
އެ ކެޓަގަރީގެ މީހުންނަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭފައި މާލޭގައި ދިރިއުޅުނު މުއްދަތާއި މިލްކިއްޔާތުގައި ބިމެއް އޮތުން ނުވަތަ ބަހައިގެން ބިމެއް ލިބެން އޮތުން ވެސް ހިމެނެ އެވެ.
މާލޭގައި ދިރިއުޅުނު މުއްދަތަށް ބަލާ ޕޮއިންޓް ދޭ އުސޫލުގައިވާ ގޮތުން 15 އަހަރުން ފެށިގެން 20 އަހަރާ ދޭތެރޭގެ މުއްދަތެއްގައި މާލޭގައި އުޅެފައިވާ ނަމަ ދޭނީ 20 ޕޮއިންޓެވެ. އަދި 20 އަހަރާ 25 އަހަރާ ދެމެދުގެ މުއްދަތަަކަށް އުޅެފައިވާ ނަމަ 30 ޕޮއިންޓެވެ. މާލޭގައި ދިރިއުޅޭތާ 30 އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައި ވާ ނަމަ 40 ޕޮއިންޓެވެ.
ގޯތި ދިނުމުގެ އުސޫލުގައި މާލޭގެ ރަށްވެހިން ކަމަށް ބަލާނެ ތިން ގޮތެއް ބަޔާންކޮށްފައި ވެ އެވެ.
އެއީ:
1- އުފަންވީއްސުރެ މާލޭގެ ގެއެއްގައި ރަޖިސްޓްރީ ވެފައިވާ މީހުން.
2- މާލޭގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުން.
3- މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ފަހުން ޖެހިފައިވާ މީހުން.
މާލޭގެ ރަށްވެހިންނަށް ދޫކުރާ ގޯތި ލިބޭނީ އެ އުސޫލުގައިވާ ގޮތުން ގިނަ ޝަރުތުތަކެއް ހަމަވެގެންނެވެ. ފާހަގަކޮށްލެވޭ ޝަރުތުތަކުގެ ތެރޭގައި ގޯއްޗަށް އެދި ހުށަހަޅާ މީހާ އަކީ ރާއްޖޭގެ އެއްވެސް ތަނަކުން 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ލިބިފައިވާ މީހަކަށް ނުވުމާއި 400 އަކަފޫޓު އޮތް ނަމަ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ބައި ދޫކޮށްލަން އެއްބަސްވުން ހިމެނެއެވެ.


