މީމު އަތޮޅުގެ ރަށަކުން ލޯންޗެއް ވަގަށް ނަގައިގެން އިއްޔެ މާލެއަށް އައި ކުއްޖާ ހޯދާ އާއިލާ އާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ ލޯންޗްގައި މާލެ އައިސްފައިވަނީ 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި، އެ ކުއްޖާ މިހާރު އާއިލާއާ ހަވާލު ކޮށްފައިވާކަމަށެވެ.
ހުޅުމާލެ ފޭސް2 އިން އިއްޔެ އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކުވެސް ހޯދައި އާއިލާއާ ހަވާލުކޮށްފައިވާ ކަމަށާއި، އެކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އިއްޔެ މިދެކުދިން ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ދެކުދިން ގެއްލިގެން ރިޕޯޓްކުރުމާއި ގުޅިގެންނެވެ.
ފިރިހެން ކުއްޖާ މާލެ އައިސްފައިވަނީ، މ. ދިއްގަރުގައި އަޅާފައި އޮތް ރިސޯޓެއްގެ ލޯންޗެއް ވަގަށް ނަގައިގެން އޭގައެވެ. އެ ލޯންޗު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން ބުނީ އެ ލޯންޗް ހުޅުމާލެ އެމްޓީސީސީ ފެރީ ޓާމިނަލް ކައިރިން ފަޅުގައި އޮށްވާ ފެނިފައިވާ ކަމަށެވެ.




