ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ފުލުހުންގެ އިމާރާތްތަކާއި ސްޓޭޝަންތައް އެޅުމަށް 80 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސުން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި ނެޝަނަލް ސެކިއުރިޓީ އާއި ޕަބްލިކް އޯޑާއާ ގުޅޭ މަޝްރޫއުތަކަށް ޕީއެސްއައިޕީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރީ ފުލުހުންގެ އިދާރާތައް އެޅުމަށެވެ.
ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ކޯޓު އިމާރާތްތައް އެޅުމަށެވެ. އެގޮތުން އެފަދަ މަޝްރޫއޫއުތަކަށް 20 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ނެޝަނަލް ސެކިއުރިޓީއާ ގުޅޭ މަޝްރޫއުތަކަށް ޕީއެސްއައިޕީ ބަޖެޓުގައި ވަނީ 109 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ޑިފެންސާ ގުޅޭ މަޝްރޫއުތަކަށް ހޭދަކުރީ 1.4 މިލިއަން ރުފިޔާ އެވެ. އަދި ރީހެބިލިޓޭޝަނާ ގުޅޭ މަޝްރޫއުތަކަށް 3.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މި އަހަރުގެ ބަޖެޓުން ޕީއެސްއައިޕީގެ މަޝްރޫއުތަކަށް މިހާތަނަށް ހޭދަކޮށްފައިވަނީ 7.5 ބިިލިއަން ރުފިޔާ އެވެ. ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައި އޮތެވެ.




