ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކާއި ދިވެހިރާއްޖޭގެ އަޑުން އަދާކޮށްފައިވަނީ މުހިއްމު ދައުރެއް ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ ޚާއްސަ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ދިވެހިރާއްޖޭގެ އަޑުން ފާހަގަކޮށްލެވޭ މުހިއްމު ޕްރޮގްރާމްތަކާއި ޚަބަރުތައް ގެނެސްދީފައިވާ ކަމަށެވެ.
”އެދުވަސްވަރެއްގައި ފެތުރެމުންދާ އެކި ބަލިމަޑު ކަމާއި ގުޅިގެން ރައްޔިތުން ސަމާލުވާންވީ ކަންކަމާ ގުޅޭ މުހިއްމު މަޢުލޫމާތުތައް އަޑު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަނީ ފޯރުކޮށްދެއްވާފައި.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ދުނިޔެއާއި ރާއްޖެއަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް އެންމެފަހުގެ އެންމެ ސައްޙަ މަޢުލޫމާތު އަޑުން ގެނެސްދީފައިވާ ކަން ފާހަގަކުރައްވާފައެވެ.
މިގޮތުން އެ މައުލޫމާތުތައް ގެނެސްދިނުމުގެ ނަތީޖާއަކީ، ދިވެހީން ކަންކަމަށް ލޯހުޅުވިގެން ދިޔުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މީހުންގެ ނަފްސު ބިނާކުރުމަށް ބޭނުންވާ އެކި މަޢުލޫމާތު ވަރަށް ބޮޑަށް ރޭޑިއޯ މެދުވެރިކޮށް ގެނެސްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



