ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިއުލާނުކުރި ”އެންމެންނަށް ބޯހިޔާވަހިކަން“ ސިޔާސަތުގެ ދަށުން، ފުލެޓަށް ކުރިމަތިލާ ފަރާތުން ޝަރުތު ހަމަވަނީ ކިތައް ކޮޓަރިއަށްކަން ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަމަށް، ފުލެޓު ދޫކުރާ އުސޫލުގައި ބަޔާންކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ރޭ ދަންވަރު އާންމުކޮށްފައިވާ މި އުސޫލުގައިވާ ގޮތުން، ފުލެޓަށް އެދި ފޯމު ހުށަހަޅާ ފަރާތުން ބޭނުންވަނީ ދެ ކޮޓަރީގެ ފުލެޓެއްތޯ، ނުވަތަ ތިން ކޮޓަރީގެ ފުލެޓެއްތޯ އިޚްތިޔާރު ކުރެވޭނެއެވެ. ނަމަވެސް ދިރިއުޅުމުގެ ހާލަތަށް ބަލައި، ޝަރުތު ހަމަވަނީ ކިތައް ކޮޓަރީގެ ފުލެޓަކަކަށްކަން ކަނޑައަޅާނީ މިނިސްޓްރީން ކަމުގައި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މިނިސްޓްރީން އާންމުކުރި އުސޫލުގައިވާ ގޮތުގައި މާލޭގައި ދިރިއުޅޭ މީހުންނަށް ޕޮއިންޓު ގިނަވާނެއެވެ.
މީގެއިތުރުން އެ އުސޫލުގައިވާ ގޮތުގައި، އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތްނަމަ ކުރިމައްޗެއް ނުލެވޭނެއެވެ. އަދި އަމިއްލަ ނަމުގައި އެއްވެސް ބޯހިޔާވަހިކަމެއް އޮވެގެން ނުވާނެއެވެ.
މި ސަރުކާރުން ފުލެޓުތައް ދޫކުރަން ނިންމާފައިވަނީ ދެ މޮޑެލަކަށެވެ. އެއީ އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް ނުވަތަ ހެޔޮ އަގުތަކުގައި ފުލެޓުތައް ކަށަވަރުކުރެވޭ މޮޑެލެވެ. އެ މޮޑެލުގެ ދަށުން ފުލެޓަށް ކުރިމަތިލާ ފަރާތްތަކަކީ ފުލެޓު މިލްކުކުރުމަށް އެދޭ ފަރާތްތަކަކަށް ވެފައި، ބޭންކުން ދޫކުރާ ހައުސިން ފެސިލިޓީތަކަށް ޝަރުތު ހަމަވާން ވާނެއެވެ.
ދެން އޮތީ ރެންޓް ޓު އޯން، ނުވަތަ މަހުކުލި ދައްކައިގެން ފުލެޓު މިލްކުކުރެވޭ މޮޑެލެވެ. މި މޮޑެލަށް ޝަރުތު ހަމަވާނީ 60،000 ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބޭ، އަދި ބޯހިޔާވަހިކަމުގެ އަސާސީ ރަށްވެހިކަމުގެ ޝަރުތުހަމަވާ މާލޭ ރަށްވެހިންގެއެވެ.




