ނިމިގެންދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން އެމްޑީޕީ ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށް މަގުޗާޓެއް އެކުލަވާލުމަށް ނިންމައިފި އެވެ.
މިގޮތަށް ނިންމީ، ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ރަސްމީ ބައްދަލުވުގަ އެވެ.
އެމްޑިޕީން ބުނީ، ރޭގެ ބައްދަލުވުމުގައި 50 އަށްވުރެ ގިނަ މެމްބަރުން ބައިވެރިވެ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ ނިކުމެފައިވާ ގޮތާއިމެދު ފުޅާދާއިރާއެއްގަ މަޝްވަރާާ ކުރި ކަމަށެވެ.
ރޭގެ މަޝްވަރާއަށްފަހު ނިންމާފައިވަނީ އިންތިހާބުތައް ގެއްލިގެންދިޔަ ސަބަބުތަކުގެ ދިރާސާއެއް ހެދުމަށް ކޮމެޓީއެއް އެކުލަވާލުމަށެވެ. އަދި މިދިރާސާގައި ރައްޔިތުންގެ ބައިވެރިވުން ވީހާވެސް ފުޅާ ދާއިރާއެއްގައި އެކުލެވޭނެހެން ރައްޔިތުންގެ ގާތަށްގޮސް ޕާޓީގެ ކުރިމަގު ބިނާކުރާނެ ގޮތްތަކާއިމެދު ދިރާސާ ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލުމަށްކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބާއި، ނިމިގެން ދިޔަ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ވަނީ ނާކާމިޔާބާއި ކުރިމަތިލާންޖެހިފަ އެވެ. މަޖިލިސް އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރީވެސް އެމްޑީޕީންނެވެ. އެހެންނަމަވެސް ކާމިޔާބު ކުރެވިފައިވަނީ އެންމެ 12 ގޮނޑި އެވެ. މިއީ، އެމްޑީޕީ އުފެއްދިފަހުން އެ ޕާޓީއަށް ޖެހި ޖެހިގެން ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ އެވެ.



