ކޮންމެ ކުއްޖަކަށް ޢާއިލާއެއް ސިޔާސަތުގެ ދަށުން މިހާތަނަށް 110 ކުދިން އާޢިލާތަކާއި ހަވާލުކޮށްފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އެކި ހާލަތްތަކުގައި ޢާއިލާތަކުން ނެގޭ ކުދިން ބެލެހެއްޓުމުގެ ޒިންމާ އެ މިނިސްޓްރީން އަދާ ކުރަމުންދާ ކަމަށާއި ނަމަވެސް ޢާއިލާތަކާއި ދުރުގައި ކުދިން ގެންގުޅުމަކީ، އެ ކުދިންނަށް ބޭނުންވާ ހުނަރުތައް މަދުވާ ކަމެއް ކަމަށެވެ.
މިގޮތުން މިހާރު މިކަމުގައި އެންމެ ބޮޑަށް ލިބޭ ހިތްހަމަޖެހުމަކީ، ކުދިންނާއި ހަވާލުވާ އާއިލާތަކުގެ އަދަދު އިތުރުވަމުން ދިއުން ކަމަށެވެ.
މީގެ އިތުރުން ރައީސްގެ ވަޢުދުފުޅާއެއްގޮތަށް ކޮންމެ ކުއްޖަކަށް އާޢިލާއެއް ސިޔާސަތުގެ ދަށުން 2023 ގެ ނޮވެމްބަރުން ފަށައިގެން 110 ކުދިން އެ ކުދިންގެ އާއިލާއަށް ނުވަތަ އައު އާޢިލާތަކާއި ހަވާލުކުރެވިގެން ވަރަށް ރަނގަޅަށް ބަލަމުން އަންނަ ކަމަށެވެ.




