ހުޅުމާލޭގެ ދެ ފިޔަވަހީގައި ވެސް ގަވާއިދާ ޚިލާފަށް ޕާކުކޮށްގެން ޓޯކުރި 787 އުޅަނދުގެ ތެރެއިން ޖުމްލަ 105 އުޅަނދެއް މިހާރު ދޫކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ ޓޯކޮށްފައިވާ އުޅަނދުތައް ދޫކުރުމުގެ އިދާރީ ކަންކަން ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނުގައި ހުންނަ ޓްރެފިކް ކައުންޓަރުން ކުރިއަށް ގެންދާ ކަމަށެވެ.
ނަމަވެސް ޓޯ ކުރާ އުޅަނދުތައް ދޫކުރަނީ ބައެއް މިންގަނޑުތަކަށް ބެލުމަށްފަހު ކަމުގައި ވެސް ފުލުހުން ބުންޏެވެ.
އެގޮތުން އުޅަނދުތައް ދޫކުރުމުގެ ކުރިން ބަލާ ކަންކަމަކީ:
° ދައްކަންޖެހޭ ޖޫރިމަނާއެއް އޮތްނަމަ، އެ ޖޫރިމަނާއެއް ބަލައިގަތުމަށް ކަނޑައަޅާފައިވާ އިދާރާއަށް ޖޫރިމަނާގެ ފައިސާ ދެއްކިތޯ
° ރަޖިސްޓްރީކޮށްފައިވާ ޒޯނަށް ގެންދިއުމަށް ޔަގީންކުރާ ލިޔެކިޔުން ހުށަހަޅާފައިވޭތޯ
މީގެއިތުރުން ރަޖިސްޓްރީނުކުރާ އުޅަނދެއްނަމަ އުޅަނދު ވަގުތީ ގޮތުން ބޭއްވުމަށް ބޭނުންވާ ތަނުގެ ވެރިފަރާތުގެ ލިޔުމަކާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ވަކި ގަރާޖަކަށް ހުއްދަ ނަގައިގެން އެތެރެކޮށްފައިވާ އުޅަނދެއްނަމަ، އެ ގަރާޖަށް ގެންދިއުމަށް ކަށަވަރުކުރާ ލިޔެކިޔުން އޮތްތޯ ވެސް ބަލައެވެ.



