ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ދައުރުކުރަމުން ދިޔަ މައްސަލައެއްގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި މީހާގެ ބޭންކު އެކައުންޓުން މިލިއަނުން ފައިސާގެ މުއާމަލާތް ހިންގާފައިވާކަން ފާހަގަކުރެވެއެވެ. ފުލުހުން ވަނީ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ޑިޕޮސިޓް ސްލިޕްތަކެއް ވެސް ޝަރީއަތަށް ހުށަހަޅާފައެވެ.
ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަހުގެ މުއްދަތެއް ޖަހާފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މީހެއްގެ މައްޗަށެވެ. މީނާ ހައްޔަރުކޮށްފައިވަނީ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނުނަގައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ.
އެ މީހާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި، މި މައްސަލައިގައި ފުލުހުން ވަނީ އިންޓެލިޖެންސް ރިޕޯޓަކާއި މައްސަލައާ ގުޅުންހުރި ބަޔާންތަކެއް ކޯޓަށް ހުށަހަޅާފައެވެ.
އޭނާ ކުރަމުން ދިޔަ ވިޔަފާރީގެ ތަފްސީލެއް ކޯޓު އަމުރުގައި ހާމަކޮށްފައި ނުވެއެވެ. ނަމަވެސް މި ވިޔަފާރީގެ މުއާމަލާތްތަކުގައި އިތުރު ބަޔަކު ޝާމިލްވާކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.




