އާ އަހަރު ފާހަގަކުރުމަށް މާދަމާ އިން ފެށިގެން ހަރަކާތްތައް ބާއްވަން ފަށާނެ ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އިން މިއަދު ބުނެފިއެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ ”މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް“ ގެ ނަމުގައި އާ އަހަރުގެ ހަރަކާތްތައް މާދަމާ ފަށަނީ ކުޑަކުދިންގެ ހަވީރަކުން ކަމަށާއި އަދި 2026 ވަނަ އަހަރު ފެށުން ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.
މި ހަރަކާތްތައް ތިން ދުވަހަށް ކުރިއަށްދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދަނީ މާދަމާ ހަވީރު 4:00 އިން 6:00 އަށެވެ. އެތަނުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި ތަފާތު ހަރަކާތްތައް ރާވާފައިވެއެވެ. އަދި ގޭމިން އާކޭޑްގެ އިތުރުން ފުލުހުންގެ ސްޓޯލެއް ވެސް ހުންނާނެ އެވެ.
މާދަމާ ރޭ އެ ސަރަހައްދުގައި ކާބޯތަކެއްޗާއި އެ ނޫން ބައެއް ތަކެތި ވިއްކުމަށް ހާއްސަ ސްޓޯލްތައް ހުޅުވާފައި ހުންނާނެ އެވެ. އަދި މިއުޒިކް ޝޯ ވެސް މާދަމާ ކުރިއަށް ގެންދާނެ އެވެ. އަދި މާދަމާ ރޭގެ ޝޯގައި ސިމްބޮލިކް ރެކޯޑްސް އާއި ޓޫ އޮފް އަސް ފަދަ ބޭންޑްތައް ޕަފޯމް ކުރުމަށް ހަމަޖެހިފައިވެއެވެ.



