ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އަޅާ ހައުސިން ޔުނިޓްތަކުގެ ޢަމަލީ މަސައްކަތް އަންނަމަހު ފަށަން ތައްޔާރުވެއްޖެއެވެ.
ބީއެމްއެލް އިން ބުނީ ހުޅުމާލޭގައި ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމަށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީއިން މިއަދު ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ދެ ކުންފުންޏަކާއެކު މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަވާލުކޮށްފައި ކަމަށެވެ.
އެ ކުންފުނިން ބުނީ އައިއެންއޭއެޗް ފްރޭމްވޯކާ އެއްގޮތަށް ހިންގޭ މި މަޝްރޫއުތަކުން ފެންވަރު ރަނގަޅު ހައުސިން ޔުނިޓްތައް އިމާރާތްކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާނެ ކަމަށެވެ.
އެގޮތުން ބައިނަލްއައަގުވާމީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުންފުންޏެއް ކަމަށްވާ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ހަވާލުކޮށްފައި ވަނީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު ތަރައްގީ ކުރުމަށެވެ.
މީގެ އިތުރުން ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) ހުޅުމާލޭގައި 1،224 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ވަނީ ހަވާލުކޮށްފައެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ މެދުވެރިކޮށް، 3000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް، އެކަމަށް ބޭނުންވާ ބިން ސަރުކާރުން ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ.




