އަމިއްލަ މީޑިއާތަކަށް މިއަހަރު ދޭ މާލީ އެހީތެރިކަމަށް ޖުމްލަ 57 މީޑިއާއަކުން އެދިފައިވާ ކަމަށާއި އޭގެ ތެރެއިން 41 މީޑިއާއެއް ޝަރުތު ހަމަވެފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ބުނެފިއެވެ.
ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރި ކަމަށް އެދުމުގެ ފުރުސަތު ހުޅުވާލީ މި ހިނގާ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގައެވެ.
އެމްއެމްބީސީން ބުނީ މާލީ އެހީތެރިކަމަށް އެދި 57 މީޑިއާއަކުން ޕްރޮފައިލް ކްރިއޭޓް ކޮށްފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ، 41 މީޑިއާ ކަމަށެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށް، ލައިސަންސް ލިބި، މެދުނުކެނޑި ހިންގަމުންދާ އަމިއްލަ މީޑިއާތަކަށް ޚާއްސަކޮށް ހުޅުވާލި އެ ފުރުސަތުގައި މާލީ އެހީތެރިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކަށް ލިބޭ މާކްސް ޕޯޓަލްގެ ތެރެއިން އާންމުކޮށް ފެންނަން ހުންނާނެ ކަމަށް ވެސް އެމްއެމްބީސީން ބުންޏެވެ.
މީގެއިތުރުން އެމްއެމްބީސީން ބުނީ، މާލީ އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވުމާއެކު، ޝަކުވާއަށް ހުޅުވާލުމުން ކޮމިޝަނަށް ލިބުނު 8 ޝަކުވާގެ ތެރެއިން ރިވިއު ކޮމިޓީން ބަލައި ދިރާސާ ކުރުމަށްފަހު، އޭގެ ތެރެއިން 3 ފަރާތެއްގެ ޝަކުވާ ބަލައިގެންފައިވާ ކަމަށެވެ.
މާކްސް ދޭ މިންގަނޑަށް ބަލާލާއިރު، 2025 ވަނަ އަހަރު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލުގެ ދަށުން މާކްސް ދިނުމުގައި ބަލާފައިވާނީ މީޑިއާގެ މުއްދަތަށާއި، މުވައްޒަފުންގެ އަދަދަށާއި، މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުވުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްލޭނަށާއި، ކޮންޓެންޓުގެ ބާވަތަށާއި، މުވައްޒަފުންގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތަކަށް ކަމަށް އެމްއެމްބީސީން ބުންޏެވެ.
މިއަހަރު ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ މީޑިއާތަކަށް ދިނުމަށް ނިންމާފައިވެއެވެ. މީޑިއާތަކަށް މާލީ އެހީ ދޫކުރާނީ، ޔޫތު މިނިސްޓްރީއާއި އެމްއެމްބީސީއާ ދެމެދު އެއްބަސްވެފައިވާ ފަދައިން އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މައުލޫމާތު އެ މިނިސްޓްރީން ހުށަހެޅުމުން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިގެންނެވެ.
މާލީ އެހީ ލިބޭ މީޑިއާތަކުގެ ލިސްޓު މި ލިންކުންފެންނާނެއެވެ.



