ރޭޕްގެ ތުހުމަތު ކުރެވުމާއެކު ފިލައިގެން އުޅުނު މީހެއްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެ، 15 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށް، ހުކުމް ކޮށްފައިވަނީ ގދ. ވާދޫ، ސަބާހާ މަންޒިލް / އިޒާމް ޒާހިރު (26އ.) އެވެ.
އިޒާމަކީ މިދިޔަ ދޮޅު އަހަރު ކޯޓަށް ހާޒިރުނުކުރެވިގެން ހުކުމް ނުކުރެވި ހުރި މީހެކެވެ. އޭނާ ފިލައިގެން އުޅުމަށްފަހު ފުލުހުންނާ އަމިއްލައަށް ހަވާލުވީ މިމަހުގެ 27 ވަނަ ދުވަހުގައެވެ.
ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން ޖޫން، 11، 2024 ގައި އޭނާ ހޯދުމަށް އޭނާގެ ފޮޓޯއާ އެކު އިއުލާނުކޮށްފައިވެ އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އޭނާ ހޯދަން އިއުލާނުކޮށްފައި ވަނީ ކޯޓުގެ އަޑުއެހުމަށް ހާޒިރުވެފައި ނުވާތީއެވެ.
ފުލުހުން ކުރިން ބުނީ އިޒާމު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މީހާ ކޯޓަށް ހާޒިރުކުރުމަށް 9 ފަހަރެއްގެ މަތިން ފުލުހުން އިއުލާނުކޮށްފައިވާ ކަމަށާއި އެކަމަކު މިހާތަނަށް ކުރެވުނު މަސައްކަތުން ވެސް އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ.



