ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ޤަރާރަކުން ނިންމަވައިފިއެވެ.
ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް ވަނީ އިޞްލާޙު ގެންނަވާފައެވެ.
މި އިޞްލާޙު ގެނައުމުގެ ބޭނުމަކީ، 2026 އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ތާރީޚަކީ ހިރިމަރަދޫގެ ރަށްވެހިން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މަރުޙަލާގެ ތެރޭގައި ހިމެނޭ ތާރީޚަކަށްވާތީއެވެ.
އެހެންކަމުން ޤާނޫނު ނަންބަރު 2008/11 ގެ 8 ވަނަ މާއްދާގެ (އ) ގައި، އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވައިލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ޙާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިޚާބީ ދާއިރާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބަލަންވާނީ އެ މީހުން އަލަށް ބަދަލުކުރެވުނު ރަށްކަމަށް ބަޔާންކޮށްފައިވާތީ، ހިރިމަރަދޫގެ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅުގެ ހަނިމާދޫކަމުގައި ބެލުމަށް މަގުފަހިކޮށްދިނުމެވެ.
އެގޮތުން ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުން، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫންކަމަށް ކަނޑައެޅުއްވުމަށް ނިންމަވައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު އަދާހަމަކޮށް، ޤަރާރުގެ ޖަދުވަލެއްގެ ގޮތުގައި އެ ލިސްޓު ވަނީ ހިމަނުއްވާފައެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެކަން ސަރުކާރުން ޢާންމުކޮށް އިޢުލާނުކުރާ ތާރީޚުން ފެށިގެންނެވެ.



