ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ބޭގަމް ޚާލިދާ ޒިއާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކަމަނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން ސިއްހީ ހާލު ދެރަކޮށް އުޅުއްވުމަށްފަހު ރޭ ފަތިހުގެ ވަގުތެއްގައެވެ.
ސޯޝަލް މީޑިއާގައި ރައީސް މުޢިއްޒު ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ބޭގަމް ޚާލިދާ ޒިއާ އަވަހާރަވުމާ ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި މި ހިތާމަވެރި ވަގުތުގައި އެކަމަނާގެ އާއިލާއަށް މާތް ﷲ ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ޚާލިދާ ޒިއާ އަވަހާރަވީ ފުއްޕާމޭގެ އިންފެކްޝަންގެ އަލާމާތްތަކެއް ހުރެގެން މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ޑާކާގެ އެވަކެއާ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. އުމުރުފުޅުން 80 އަހަރުގެ ޚާލިދާއަށް ފުރަމޭގެ ބައްޔާއި، ހުޅުހުޅުގައި ރިއްސުމާއި، ހަކުރު ބަލީގެ އިތުރުން ހިތުގެ މައްސަލަތަކަށް ވެސް ޑޮކްޓަރުން ދިޔައީ ފަރުވާ ދެމުންނެވެ.
ޚާލިދާ ޒިއާ އަކީ ބަންގްލަދޭޝްގެ ސިޔާސީ މަސްރަހުގައި ވަރަށް ނުފޫޒުގަދަ ބޭފުޅެކެވެ. އެކަމަނާ ވަނީ 1991 އިން 1996 އަށް އަދި 2001 އިން 2006 އަށް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެކަމަނާއަކީ ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ އިތުރުން، މުސްލިމް ދުނިޔޭގައި ބޭނަޒީރު ބުއްޓޯއަށް ފަހު އެ މަގާމަށް ވަޑައިގެންނެވި ދެވަނަ އަންހެން ބޭފުޅާއެވެ.
ބަންގްލަދޭޝްގެ ކުރީގެ ރައީސް ޒިޔައުރު ރަހުމާންގެ އަނބިކަނބަލުން ޚާލިދާ، ގައުމީ ސަމާލުކަމަށް އައީ 1977 ވަނަ އަހަރު ފަސްޓް ލޭޑީގެ ގޮތުގައެވެ. ފިރިކަލުން އުފެއްދެވި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރުކަން 1984 އިން ފެށިގެން ކުރައްވަމުން ގެންދެވި ޚާލިދާ ވަނީ، ޝެއިހް ހަސީނާގެ ވެރިކަމުގައި 2018 ވަނަ އަހަރު ކޮރަޕްޝަންގެ މައްސަލައެއްގައި ޖަލު ހުކުމެއް ވެސް ތަންފީޒު ކުރައްވާފައެވެ. އަދި ބޭސްފަރުވާއަށް ގައުމުން ބޭރަށް ވަޑައިގަތުން ވެސް އެކަމަނާއަށް މަނާކުރިއެވެ.
ޚާލިދާ ޖަލުން މިނިވަންކުރީ މިދިޔަ އަހަރު ހަސީނާގެ ވެރިކަން ވައްޓާލުމާ އެކުގައެވެ.



