ފަތުރުވެރިކަމުގެ ދާއިރާގެ ތަކެއްޗާއި ޚިދުމަތްތަކުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ.) އިތުރުވުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ޕީ.އެސް.އައި.ޕީ. މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ހަލުއިވާން ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ 18 ޑިސެމްބަރ 2025 ގެ ނިޔަލަށް އެ މިނިސްޓްރީން އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ ވަނީ 36.9 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށެވެ.
އެގޮތުން މިއީ، 2024 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 33.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.8 ބިލިއަން ރުފިޔާ ނުވަތަ 11.5 އިންސައްތައިގެ އިތުރުވުމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފްތާގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވީ ޓީ.ޖީ.އެސް.ޓީ. އިންނެވެ.
ޖުމްލަ ޓީ.ޖީ.އެސް.ޓީ. ގެ ގޮތުގައި 10.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 8.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.3 ބިލިއަން ރުފިޔާ ނުވަތަ 15.1 އިންސައްތައިގެ އިތުރުވުމެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު، ޖީ.އެސް.ޓީ ގެ ގޮތުގައި 15.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައި ހިއްސާކުރަނީ ޓީ.ޖީ.އެސް.ޓީ. ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އާމްދަނީގެ އިތުރު ބައިތަކަށް ބަލާއިރު، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 25.0 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 2.5 ބިލިއަން ރުފިޔާ އިތުރުވެ 27.5 ބިލިއަން ރުފިޔާއަށް (10.0 އިންސައްތަ) އިތުރުވެފައިވާއިރު، ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 7.5 ބިލިއަން ރުފިޔާއިން 9.1 ބިލިއަން ރުފިޔާއަށް (1.6 ބިލިއަން ރުފިޔާ؛ 21.2 އިންސައްތަ) އިތުރުވެފައިވާ ކަމަށްވެސް އެ ރިޕޯޓުން ދައްކައެވެ.
އަދި އެ މުއްދަތުގެ ތެރޭގައި ޖުމްލަ ޚަރަދުތައް 38.9 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފްތާގައި ޚަރަދުތައް އިތުރުވި މައިގަނޑު ސަބަބަކީ ދަރަނީގެ ޚިދުމަތަށް ކުރެވުނު ޚަރަދުތަކެވެ.
ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން، މުހިންމު ޚަރަދެއް ކަމަށްވާ ސަބްސިޑީތަކަށް 3.4 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރެވުނު 3.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 190.3 މިލިއަން ރުފިޔާ ނުވަތަ 5.3 އިންސައްތަ ކުޑަ އަދަދެއް ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.
އެ މުއްދަތުގެ ތެރޭގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.) އަށް ޖުމްލަ 7.5 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށާއި ޕީ.އެސް.އައި.ޕީ.ގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ބައި ޚަރަދުކުރެވިފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށް ކަމަށް އެ ރިޕޯޓުން ދައްކައެވެ.
އެގޮތުން، 4.4 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، އޭގެ ތެރޭގައި އެއާޕޯޓު ތަރައްގީކުރުމަށް 3.2 ބިލިއަން ރުފިޔާ އާއި ބްރިޖް ހެދުމަށް 870.3 މިލިއަން ރުފިޔާ ހިމެނެއެވެ. ސިއްހީ ދާއިރާއަށް ކުރެވުނު ޕީ.އެސް.އައި.ޕީ. ޚަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 145.5 މިލިއަން ރުފިޔާއިން 453.1 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 307.7 މިލިއަން ރުފިޔާ ނުވަތަ 211.5 އިންސައްތަ އިތުރުވުމެކެވެ.
އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް 2.0 ބިލިއަން ރުފިޔާއަށް ވަނީ ކުޑަވެފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކުރެވުނު 11.5 ބިލިއަން ރުފިޔާގެ ޑެފިސިޓަށްވުރެ 9.5 ބިލިއަން ރުފިޔާ ނުވަތަ 82.5 އިންސައްތަ ކުޑަ ޑެފިސިޓެކެވެ. މީގެ އިތުރުން އެ މުއްދަތުގެ ތެރޭގައި ޕްރައިމަރީ ބެލެންސް 2.5 ބިލިއަން ރުފިޔާގެ ސަރަޕްލަސްއަކަށް ވަނީ ރަނގަޅުފައެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތުގައި ހުރި 6.9 ބިލިއަން ރުފިޔާގެ ޕްރައިމަރީ ޑެފިސިޓްއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.



