ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ، ގ. މާވަނި، ޙުސައިން ސަނީ އުމަރުގެ ތަހުގީގަށް ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ސަނީ އުމަރަކީ މާކެޓިންގެ ދާއިރާގައި ވަރަށް އިސްކޮށް އުޅުނު މީހެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އާއިލާގެ ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށެވެ.
މި ހިނގާ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ރާއްޖޭން ބޭރަށް ފުރަން އުޅެނިކޮށް ހައްޔަރު ކުރި ސަނީ އުމަރުގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ޖަހައިފައެވެ. އެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހަށެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ސަނީ އުމަރު އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށެވެ.
”ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ވަނީ ކުރިއެރުންތައް ލިބިފައި،“ ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިން ބުނީ، މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބޭ ވަރަކުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ގަސްދުކުރާ ކަމަށެވެ.
ބައެއް މީޑިއާތަކުގައި ތުހުމަތުކޮށްފައިވާ ގޮތުން ސަނީ ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައެވެ. އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން ކަމަށް އެ މީޑިއާތަކުގައިވެއެވެ.



