ފ.ބިލެއްދޫއަށް ގެންދިޔަ އާ އިންޖީނު އިންސްޓޯލްކޮށްފި އެވެ.
ފެނަކައިން ބުނީ، ބިލެއްދޫއަށް އާ އިންޖީނެއް ގެންދިޔައީ ފެނަކައިން އެރަށަށް ފޯރުކޮށްދެމުން އަންނަ ކަރަންޓްގެ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން އެރަށަށް ފޮނުވި 600 ކވ ގެ ޖަނަރޭޓަރ އިންސްޓޯލްކޮށް މިހާރު ލޯޑަށް ދެވިފައިވާ ކަމަށް ފެނަކައިން ބުނެފައި ވެއެވެ.
ބިލެއްދޫގައި 24 އަހަރުވަންދެން ބޭނުންކުރަމުން ދިޔަ އިންޖީނުގެގޭ ބަދަލުގައި، އައު އިންޖީނުގެއެއް ތަރައްގީކޮށް، ހުޅުވައި ޚިދުމަތްދޭން ފެށީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައި އެވެ.
ފެނަކައިން ގާއިމްކުރި އިންޖީނުގޭގައި 400 ކިލޯވޮޓުގެ ދެ ޖަނަރޭޓަރާއި 500 ކިލޯވޮޓުގެ ޖަނަރޭޓަރަކުން ޚިދުމަތްދޭނެކަމަށް އޭރު ފެނަކައިން ބުނެފައި ވެއެވެ. މިއީ ކުރިއަށް އޮތް 50 އަހަރު ރަށުގެ ތަރައްގީއަށް ބޭނުންވާ ހަކަތަ ދަތިކަމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ތަރައްގީ ކުރި އިންޖީނުގެއެއް ކަމަށްވެސް އޭރު ފެނަކައިން ބުނެފައި ވެއެވެ.




