ފުލުހުންގެ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަސައްކަތްތަކާއި އެ ކޮމާންޑުގައި ހިމެނޭ ބަހާތަކުން ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްޙާޤް އާދަމް ފުޅާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ހުސައިން އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝަރީފްއެވެ.
މި ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްޙާޤް އާދަމް ފުޅު ދެއްކެވި ވާހަކަފުޅުގައި،ކުށުގެ ރެކޯޑް އޮންނަ ފަރާތްތަކާއެކު ކުޑަކުދިން ވަގުތު ހޭދަކުރާ މައްސަލަ ކަންބޮޑުވާންޖެހޭ މިންވަރަށް ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.
”ކުށްކުރާ ރެކޯޑް އޮންނަ ފަރާތްތަކާއެކު ބައެއް ކުޑަކުދިން ގިނަ ވަގުތު ހޭދަކުރާ މައްސަލަ ކަންބޮޑުވާންޖެހޭ މިންވަރަށް ފާހަގަކުރެވޭ.“ އިސްޙާޤް ވިދާޅުވިއެވެ.
އަދި މިފަދަ ހާލަތްތަކުގައި، އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، މާލޭގައި ނަމަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް އަދި ހުޅުމާލޭގައި ނަމަ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް އެކުދިން ގެންގޮސް، ބެލެނިވެރިން ހާޒިރުކޮށް މައުލޫމާތު ހިއްސާކުރާ ކަމަށް އިސްޙާޤް ވިދާޅުވިއެވެ. އަދި ދަރިން ކުރާ ކަންތައްތައް ބެލެނިވެރިން ބެލުމަށް އިސްޙާޤް އިލްތިމާސްކުރެއްވިއެވެ.
އަދި ގޭންގު ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އޮގަސްޓް 25 ވަނަ ދުވަހު އަމަލުކުރަން ފެށުމާއެކު، ގޭންގު ހަދައި އުޅޭ ނިސްބަތް މަދުވެ، މީގެ ކުރިން ޖަމާއަތް ހަދައިގެން އެކި ގޭންގުތަކުގެ ސިފައިގައި ކުށްކުރުމުގެ ރެކޯޑް އޮންނަ ފަރާތްތަކުގެ ހަރަކާތްތައް ވެސް މަދުވެފައިވާކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި، އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ފަރާތުން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފްރައުޑް އެންޑް ފައިނޭންޝިއަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ކައުންޓަރފީޓުގެ 22 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން އެމްބެޒެލްމަންޓުގެ 26 މައްސަލައާއި، ފޯޖަރީގެ 82 މައްސަލަ އަދި އެންޓި ޑިސެޕްޝަންގެ 39 މައްސަލަ ހިމެނެއެވެ.
މީގެ އިތުރުން މި އަހަރުގެ ތެރޭގައި ފޯޖަރީގެ 78 މައްސަލައާއި، އެމްބެޒެލްމަންޓުގެ 42 މައްސަލަ އަދި ކައުންޓަރފީޓުގެ 33 މައްސަލައާއި އޮޅުވާލުމުގެ 32 މައްސަލަ ތަހުގީގު ނިންމާފައިވާކަން ފުލުހުން މިއަދު ފާހަގަކުރެއްވިއެވެ.


