ދިވެހި ފިލްމު އިންޑަސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި ކުރީގެ ޑައިރެކްޓަރ އަބްދުލްފައްތާހު އަބްދުލްޤައްޔޫމް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުއްޖެއެވެ.
ސޯޝަލް މީޑިއާގައި ރައީސް ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރެއްވުމުގެ ރޮނގުން ޤައުމީ ޚިދުމަތުގެ އިނާމު ހާސިލްކުރައްވާފައިވާ ފަންނުވެރިއެއްކަމުގައިވާ އަބްދުލްފައްތާހު ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، އެ އާއިލާއަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ފައްތާހު ނިޔާވީ ކުއްލިގޮތަކަށް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ. ހާޓް އެޓޭކް ޖެހުމުން ފުރަތަމަ ހދ. ކުޅުދުއްފުށްޓަށް ގެންދިއުމަށް މަސައްކަތް ކުރި ނަމަވެސް އެއަށްވުރެ އަވަހަށް ދެވެން އޮތީ ހއ. ދިއްދޫއަށް ކަމަށްވުމުން ނިޔާވީ ދިއްދޫއަށް ދަތުރު ކުރަމުން ދަނިކޮށް ކަނޑުމަތީގައިކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ފައްތާހުގެ ޖަނާޒާ ރޭ ފަތިހު، ދިއްދޫ އިސްލާމީ މަރުކަޒުގައި ވަނީ ބާއްވާފައެވެ.
މައުލޫމާތު ދިން މީހަކު ބުނީ އިއްޔެ ފައްތާހު ދިއްދޫގައި އޭނާގެ އެކުވެރިންނާއިއެކު ވަގުތު ހޭދަކުރިކަމަށެވެ. އަދި ސިއްހީ ގޮތުން އެއްވެސް މައްސަލައެއް އުޅޭކަމުގެ މައުލޫމާތެއް ލިބިފައިނުވާކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.
ފައްތާހު ނިޔާވީ އުމުރުން 54 އަހަރުގައެވެ. އޭނާއަށް ވަނީ 2004 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައެވެ. އަދި 2007 ވަނަ އަހަރު މިއަދު ކްރިސްޓަލް އެވޯޑުގެ ބެސްޓް އެޑިޓިން އަދި ބެސްޓް ޑަައިރެކްޓަރުގެ އެވޯޑު ވަނީ ނިބިފައެވެ. އޭނާ ވަނީ 4 ވަނަ ޤައުމީ ފިލްމު އެވޯޑުގައި ބެސްޓް ސްކްރީން ޕްލޭ ބެސްޓް އާޓް ޑިރެކްޝަން އަދި ބެސްޓް މޭކަޕް ވެސް ހޯދާފައެވެ.
މީގެ އިތުރުން 2010 ވަނަ އަހަރު މޯލްޑިވަސް ވީޑިއޯ މިއުޒިކް އެވޯޑްސްގައި ބެސްޓް ވީޑިއޯ ސޯންގްސް އެވޯޑުވެސް ފައްތާހުއަށް ލިބިފައިވެއެވެ. 2012 ވަނަ އަހަރު ޤައުމީ ފިލްމު އެވޯޑުގައި ބެސްޓް ޑިރެކްޓަރ، ބެސްޓްއެޑިޓިން، ބެސްޓް ކްރިއޯގްރަފީ، 2015ވަނަ އަހަރު ޤައުމީ ފިލްމު އެވޯޑްސްގައި ބެސްޓް ޑައިރެކްޓަރ، ބެސްޓް އެޑިޓިން، ބެސްޓް އާޓް ޑިރެކްޝަން، ބެސްޓް ކްރިއޯ ގްރަފީ ހޭދާފައިވެއެވެ.
ފައްތާހުގެ ކެރިއަރުގެ އެންމެ ފަހު ފިލްމު އެވޯޑްސް ކަމަށްވާ، 9 ވަނަ ޤައުމީ ފިލްމު އެވޯޑްސްގައި 2019 ވަނަ އަހަރު ވަނީ އޭނާ އެންމެ ފަހުން ހެދި ފިލްމު ”ހައްދު“ އިން ބެސްޓް ޑައިރެކްޓަރ އަދި ބެސްޓް އާޓް ޑައިރެކްޓަރ ލިބިފައެވެ.
ނަމަވެސް ”ހައްދު“ އުފެއްދުމަށްފަހު ފައްތާހު ވަނީ ދިވެހި ފިލްމު އިންޑަސްޓްރީއާ ދުރަށް ޖެހި، ދިރިއުޅުން ވެސް އުފަން ރަށް ކަމަށްވާ ހއ. ކެލާއަށް ބަދަލުކޮށްފައެވެ.


