މިއަހަރުގެ ނޮވެންބަރު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަދަދު %9 އިތުރުވެއްޖެއެވެ.
އެކްސްޕޯޓް އިތުރުވި މައިގަނޑު ސަބަބަކީ ރީ-އެކްސްޕޯޓް އިތުރުވެފައިވުންކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) ގެ ރިޕޯޓުން ވަނީ ދައްކާފައެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު، މި އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ ޖުމްލަ އެކްސްޕޯޓް ވަނީ 9 އިންސައްތަ އިތުރުވެފައެވެ. އަދި އެ މުއްދަތުގައި ޖުމްލަ އިމްޕޯޓް 30 އިންސައްތަ އިތުރުވެފައިވާކަމަށް މި ރިޕޯޓުން ދައްކައެވެ.
އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން ޖުމްލަ އެކްސްޕޯޓް އިތުރުވުމުގެ މައިގަނޑު ސަބަބަކީ، އެ މުއްދަތުގެ ތެރޭގައި ރީ-އެކްސްޕޯޓް އިތުރުވުމެވެ. މީގެތެރޭގައި ”އެހެނިހެން ރީ-އެކްސްޕޯޓް“ ގެ ގިންތިން ލިބުނު އާމްދަނީ އިތުރުވުމާއި، ބޯޓުފަހަރާއި ބޯޓުތަކަށް ބޭނުންކުރާ ޖެޓް ފިއުލް ރީ-އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ އިތުރުވުން ވެސް ހިމެނެއެވެ.
މީގެއިތުރުން ރާއްޖޭގައި އުފައްދާ ތަކެތި އެކްސްޕޯޓްކުރާ މިންވަރު ނުވަތަ ޑޮމެސްޓިކް އެކްސްޕޯޓް ވެސް ވަނީ މި މުއްދަތުގެ ތެރޭގައި އިތުރުވެފައެވެ. އެއީ މައިގަނޑު ގޮތެއްގައި ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކުރި ކަނޑުމަހުގެ ބާވަތްތަކުން ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރާ ބާވަތްތަކުގެ ތެރޭގައި ކަނޑުމަހުގެ ބާވަތްތައް ހިމެނެއެވެ.



