ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކި، ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ކޮށްފައިވާ 94 ދައުވާ ސާބިތުވެ، 397 އަހަރަށް އޭނާ ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ވެސް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ.
މަންޑޭގެ މައްޗަށް ސާބިތުވި ދައުވާތަކަކީ:
° ޓެކުން (46 ދައުވާ)
° އޮޅުވާލުމުގެ ޢަމަލެއް ކުރުން (44 ދައުވާ)
° މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ
° ސައްހަނޫން ލިޔުމެއް ދިނުން (3 ދައުވާ)
° މަނީ ލޯންޑްރިން (1 ދައުވާ)
މަންޑޭގެ މައްޗަށް 397 އަހަރުގެ ޖަލު ހުކުމެއް އައީ އޭނާގެ މައްޗަށް ސާބިތުވި ޓެކުމުގެ 46 ދައުވާގައި، ކޮންމެ ދައުވާއެއްގައި އަށް އަހަރުގެ ޖަލު ހުކުމެއްގެ ރޭޓުން 368 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގައި ޖުމްލަ 14 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއްގައި ދޮޅު އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ.
މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ މަންޑޭ ކުށްކޮށްފައިވާ ގޮތަށް ބަލާއިރު، އަދަބުގެ މިންވަރު މަތިކުރަން ޖެހޭ ހާލަތްތަކެއް ހުރި ކަމަށެވެ. އަދި ކުށްކޮށްފައިވާ ގޮތަށް ބަލާއިރު، އެހެން މީހުންނަށް އިބުރަތަކަށް ވާނެ ފަދަ އަދަބެއް ދޭންޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
މަންޑޭގެ މައްޗަށް އިއްވި ޖަލު ހުކުމްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި މަންޑޭ 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން މިއަދު އަމުރުކުރިއެވެ.
އެ އިމާރާތުގެ މަސައްކަތްކުރި ހަންބޯ ކުންފުނިން 2023 ވަނަ އަހަރު ވަނީ ކޭ ޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށް ބުނެފައެވެ. އެކަން ކުރުމުގެ ތުހުމަތުކުރެވެނީ ފުރަތަމަ ވެސް މަންޑޭއަށެވެ. އޭނާއަކީ އެ ކުންފުންޏާ ގުޅިގެން އެ މަޝްރޫއު ހިންގި މީހާއެވެ.
ކޭޕާކު ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެކި މީހުންނަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ތަހުގީގުކުރިއެވެ.



