ރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ނިންމައިފިއެވެ.
އެންސްޕާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ފާހަގަކުރި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުހޯދައިދިނުމަށް އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު، އާސަންދަ ހިދުމަތާ ގުޅުންހުރި ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ ތެރޭގައި ރަޖިސްޓްރީވެފައިވާ ކޮންމެ އޮޕްޓޮމެޓްރިސްޓަކު ދޫކުރާ ޕްރިސްކްރިޕްޝަނަކަށް އާސަންދައިގެ އެހީ ލިބޭނެ އިންތިޒާމު ހިމެނޭ ކަމަށް އެންސްޕާއިން ބުނެފައި ވެއެވެ.
މިގޮތުން އެ އުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 15 ޖަނަވަރީ 2026 އިން ފެށިގެން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު ބޭއްވި ބައްދަލުވުމެއްގައި، އައިނު ވިޔަފާރިކުރާ ފަރާތްތަކުން ވަނީ ކްލިނިކުތަކާއި ފިހާރަތަކުގައި ތިބެނީ ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން ހުއްދަ ނަގައިގެން މަސައްކަތްކުރާ ގާބިލު އޮޕްޓޮމެޓްރިސްޓުންކަން ފާހަގަކޮށް އެ ފަރާތްތަކުން ދޭ ލިޔުމަށް އާސަންދަ ނުލިބުމަކީ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެ ފާހަގަކޮށްފައެވެ.



