ބަނގުރާ ކައްކައި، އޭގެ ވިޔަފާރިކުރުމުގެ މައްސަލައެއްގައި އިންޑިއާގެ ފަސް ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ބެހޭގޮތުން ފުލުހުން މިއަދު ބުނީ، ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ ރޭ މައްޗަންގޮޅި އަވަށުގައި ހުރި ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ ގޭގައި ބަނގުރާ އުފައްދައި އެ ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ، އުމުރުން 37 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކާއި 44 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 53 އަހަރުގެ މީހެކެވެ.
އެގޮތުން އެ ގެ ބަލައި ފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 މިލިލީޓަރުގެ ހަތަރު ފުޅިއާއި ފަސް ލީޓަރުގެ ފުޅިއެއް ފެނިފައިވާ ކަމަށް، ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. އަދި އެ މީހުން އަނބުރާ ފޮނުވާލުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިއީ ބަނގުރަލުގެ ވިޔަފާރިކޮށް، ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި މި ހަފުތާގައި ބިދޭސީންތަކެއް ހައްޔަރުކުރި ދެވަނަ ފަހަރެވެ. މިދިޔަ އާދިއްތަ ދުވަހު ވެސް ފުލުހުން މިފަދައިން ހިންގި އޮޕަރޭޝަނެއްގައި، މާލޭގައި ބަނގުރާ ގެންގުޅެ، ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުގައި ނޭޕާލުގެ ހަ މީހަކު ހައްޔަރުކޮށް، އެ މީހުން ޑީޕޯޓުކުރަން ނިންމައިފައިވެއެވެ.




