އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި މި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ދެއްވައިފި އެވެ.
ނައިބު ރައީސް އައިސީއާރުސީއަށް އެއްބާރުލުންދޭނެކަމުގެ ޔަގީންކަން ދެއްވީ، އެޖަމައާތުގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ މިސްޓަރ ކަދިރް އޮމަރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އައިސީއާރުސީ އިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ރެޑް ކްރެސެންޓްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި މި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވަފުދުގެ ބޭފުޅުންނަށް އެމަނިކުފާނު ދެއްވި އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ ވަނީ އެ ޖަމިއްޔާއަށް ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފަ އެވެ. މީގެ އިތުރުން، ދާއިރާގެ މާހިރުންގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސްޕަރޓިސް އެކްސްޗޭންޖް ޕްރޮގްރާމްގައި ރާއްޖޭގެ ކަމާބެހޭ އިދާރާތައް ހިމެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެ، އައިސީއާރުސީ އިން ހިންގާ އިތުރު ތަމްރީނު ޕްރޮގުރާމުތަކުގެ ފުރުޞަތުތަކާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއް ވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ ވަނީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް އާއި ދިވެހިރާއްޖެއާ ދެމެދު ދެމެހެއްޓިނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.




