ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުންގެ ހުކުމް ބާތިލުކޮށް، ކުށް ސާބިތުނުވެ ސަލާމަތްވީ ދެ މީހުންގެ މައްސަލައާއެކު އެ މައްސަލަ އަލުން ބަލަން ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ޔާމީން ރަޝީދު މަރާލާފައިވަނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގައެވެ. އޭނާ މަަރާލާފައިވަނީ، އޭނާ ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. އެގޮތުން ޔާމީން ރަޝީދުގެ ހަށިގަނޑުގެ 30 ތަނަކަށް ހަމަލާ ދީފައިވެއެވެ.
މި މައްސަލައިގައި ކުށް ސާބިތުވީ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ މައްސަލައިގައި އެ ދެ މީހުން އުމުރަށް ޖަލަށް ލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
އެ މައްސަލައިގައި އިތުރު ހަތަރު މީހެއްގެ މައްޗަށް ވެސް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލިއެވެ. ނަމަވެސް، އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހަތަރު މީހުންނަކީ ގދ. ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާންއާއި، މ. ކުދެހިގެ، ހަސަން ޝިފާޒާއި، މ. ތާއިފް، އިސްމާއީލް ރަޝީދު އަދި، ކޮޅުފުށި، އީސްޓް، ހުސައިން ޒިޔާދެވެ.
އޭގެ ތެރެއިން ދިފްރާނާއި އިސްމާއީލް ރަޝީދުގެ މައްޗަށް ދައުވާ ސާބިތުނުވި މައްސަލަ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އޮތީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ދައުވާ ސާބިތުވި ހައިޝަމާއި ޒިހާންގެ ފަރާތުން ވެސް އެ މީހުންގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ، ކުށް ސާބިތުވާ ކަމަށް ދަށު ކޯޓުން ކަނޑައެޅި ހައިޝަމާއި ޒިހާންގެ ޖަލު ހުކުމް ބާތިލުކޮށްފައެވެ. އަދި އެ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބަލަން ވަނީ އަމުރުކޮށްފައެވެ.
މީގެއިތުރުން، ކުށް ސާބިތުނުވި އިސްމާއިލް ރަޝީދާއި ދިފްރާންގެ މައްސަލަ ވެސް އަލުން ބަލަން އެ ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.



