މުދަލު ޒަކާތް ބަލައިގަތުމާ ގުޅޭ ގޮތުން މޯލްޑިވްސް ޒަކާތު ހައުސްއާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު އިސްލާމީ މަރުކަޒުގައެވެ.
އެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، މިއަދު ސޮއިކުރެވިގެން މިދިޔަ އެއްބަސްވުމަކީ ވަރަށް ތާރީޚީ އެއްބަސްވުމެއް ކަމަށެވެ. އަދި ފާއިތުވެދިޔަ ތަނުގައިވެސް ޒަކާތް ނެގުމުގެ މަސައްކަތް މީރާއިން ވަރަށް ހަރުދަނާ ގޮތެއްގައި ކުރައްވާފައިވާ ކަމަށާއި ޒަކާތުގެ ޤާނޫނު ތަންފީޒުވެގެންދާއިރު، މި މަސައްކަތް މިގޮތުގައި މީރާއިން ކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކިލައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ޒަކާތުގެ ކަންކަމާއި ޞަދަޤާތް އަދި ވަޤްފުގެ ފައިސާ ނެގުމުގައި މީރާގެ ފަރާތުން މިނިސްޓްރީއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް މީރާގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރު ވިދާޅުވީ، ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައިވެރިއެެއްގެ ގޮތުގައި މީރާ ހިމެނިފައިވުމަކީ އެ އިދާރާއަށް ލިބިގެންދާ އުފަލެއްކަމަށެވެ.
މީގެ އިތުރުން މީރާއިން މިކަމުގައި ކުރަމުންދާ މަސައްކަތުގައި، ދޭން ޖެހޭ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން އަބަދުވެސް ދެއްވާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.



