މިއަދު ފެށި 2026 ގައި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ގައުމު ބިނާކުރަން މަސައްކަތްކުރާ ފަދައިން ވަފާތެރި، ގާބިލް ދިވެހި ދަރިންތަކެއް އުފެއްދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މީލާދީ އާ އަހަރު ފެށުމުގެ ހިތާބުގައި ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ތަރައްގީ ވެފައިވާ ގައުމުތަކުގެ ސަފަށް ނުކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅައިފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބީތަކެއް ހޯދުން ކަމަށެވެ.
މި ފެށުނު 2026 އަކީ ރާއްޖެ އިސްލާމްވިތާ ހިޖުރީ ގޮތުން 900 އަހަރު ފުރޭނެ އަހަރު ކަމުގައި ވެސް ރައީސް ފާހަގަ ކުރައްވާފައިވެއެވެ.
”މިއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތު ހުރި އެއް ތާރީހު،“ ރައީސް މުޢިއްޒުގެ ހިތާބުގައި ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މި އަހަރު ވާނީ، ދިވެހިން އެދޭ އަމާޒަށް ގައުމު ގެންގޮސް ދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް ކަމަށެވެ.




