އަލްމަނާސިކް ހައްޖު އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާގެ އަޅުމަކަށް ގޮސް ހުރި މީހަކު ހާޓް އެޓޭކެއް ޖެހިގެން ރޭ ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ މ. ސައްކެޔޮމާގޭ / މުހައްމަދު އިމްތިޔާޒު (62އ.) އެވެ.
އަލްމަނާސިކް ގުރޫޕުން ބުނި ގޮތުގައި މުހައްމަދު އިމްތިޔާޒް ނިޔާވީ، ދެވަނަ އުމްރާގެ އަޅުކަމުގެ ތެރޭގައި މަސްޖިދުލް ހަަރަމްގައި އުޅެނިކޮށް ރޭގެ 7:35 ގައެވެ.
”ޑޮކްޓަރުން ބަލާފައި ބުނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ނިޔާވީ. ހިތުގެ މައްސަލައެއް އުޅޭތީ ޕޭސްމޭކަރ ވެސް ލައްވާފަ ހުރީ،“ އަލްމަނާސިކް ގުރޫޕުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.
އުމްރާގެ އަޅުކަމަށް އޭނާ ފުރާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ފަހަރުގެ ސްކޫލް ޗުއްޓީއާ ދިމާކޮށް 7،700 އަށް ވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާކުރާނެއެވެ.




