ކުޅަދާނަ އަދި ތަޖުރިބާކާރު ފިލްމް އެކްޓަރ / ޑައިރެކްޓަރ އަހުމަދު ނިމާލަށް ސްޓްރޯކެއް ޖެހި، އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި ނިމާލްގެ ހާލު މިވަގުތު ވަރަށް ދެރައެވެ. އަދި އޭނާއަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އުމުރުން މިހާރު 62 އަހަރު ފުރިފައިވާ ނިމާލަކީ ކުޅަދާނަ އެކްޓަރ އަދި ޑައިރެކްޓަރެއްގެ އިތުރުން އެހާމެ ތަޖުރިބާކާރު ލިޔުންތެރިއެއް، އެޑިޓަރެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ.
ފިލްމީ ދާއިރާގައި 90 ގެ އަހަރުތަކުން ފެށިގެން ވިދާލަން ފެށި ނިމާލަކީ ދިވެހީންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ އެކްޓަރެކެވެ. އަދި އޭނާއަކީ ވަރުގަދަ ފިލްމުތަކެއްގެ ލީޑް ރޯލުތަކުން ވެސް ވަރަށް ގިނައިން ފެނިފައިވާ ފަންނާނެކެވެ. އޭނާ ކުޅޭ ކޮންމެ ކެރެކްޓަރ އެއްވެސް ގެނެސްދޭ ފުރިހަމަކަމުން އެތައް ބަޔަކު ނިމާލަށް ތައުރީފު ކުރެއެވެ.
އެގޮތުން ނިމާލު އެކްޓުކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކަކީ ”ވީރާނާ“، ”ނިއުމާ“، ”މިހަށިން ފުރާނަ ދާންދެން“، ”ނޭނގި ޔާރު ވަކިވީ“ ފަދަ މަގުބޫލު ފިލްމުތަކެވެ. ދާދި ފަހުން އޭނާ ވަނީ މިހާރު އޮލިމްޕަހުން ދައްކަމުންދާ ”ލިލީ“ ގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކެރެކްޓަރ އެއް ކުޅެ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައެވެ.




