އެކިއެކި މަޝްރޫޢުތަކަށް ޚާއްސަކޮށްގެން، ޑިއުޓީ މާފްކޮށް ރާއްޖެ އެތެރެކުރާ ވެހިކަލްތައް ކުއްޔަށްދީ، ގަވައިދާ ޚިލާފަށް ބޭނުންކުރާނަމަ އެ ފަދަ ވެހިކަލްތައް މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންނާނެކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ކަސްޓަމްސް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޝްރޫއުތަކަށް ގެންނަ ވެހިކަލްތައް، އެ މަޝްރޫއުތައް ނިމުމުން ވެސް ރާއްޖެއިން ނުގެންގޮސް ޑިއުޓީ ނުދައްކައި ކުއްޔަށްދޭނަމަ އެ ވެހިކަލެއް މީގެފަހުން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް އެފަދަ ފަރާތްތަކުގެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެފަދަ ވެހިކަލްތަކުން އިމްޕޯޓް ޑިއުޓީ ނެގުމުގެ މަސައްކަތް ވެސް މީގެފަހުން ކުރިއަށް ގެންދާނެކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ކަސްޓަމްސްއިން މި ފިޔަވަޅު އަޅައިފައި މި ވަނީ ވޭތުވެދިޔަ ޑިސެމްބަރު މަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ. އެގޮތުން މަޝްރޫޢުތަކަށް، ޑިއުޓީ ނުދައްކާ ގެންނަ ވެހިކަލް ކުއްޔަށް ދިނުމުގެ މައްސަލަ ވިޔަފާރިވެރީން ވަނީ އެ ބައްދަލުވުމުގައި އުފުލައިފައެވެ.



