ސިޔާސީ ޕާޓީތަކުގެ އާންމު މެމްބަރުންނަށް މިއަދުން ފެށިގެން އެ ޕާޓީއަކުން ވަގުތުން ވަކިވެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިކަން ހާމަކޮށް އީސީގެ އިސްވެރިއަކު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގައި މަސްއޫލިއްޔަތު އަދާކުރާ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ފިޔަވައި އާންމު މެމްބަރުން އެ ޕާޓީތަކުން ވަކިވާން ބޭނުންވެގެން އީސީގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން ވަގުތުން ވަކިވެވޭނެ ކަމަށެވެ.
”ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތަށް ޕާޓީތަކުގެ އިސް މަގާމުތައް ހޮވާފައިވާ މެމްބަރުންނާއި މަޖިލިސް މެމްބަރުން ފިޔަވައި އެހެން ހުރިހާ އެންމެންނަށް މިހާރު އެ ފުރުސަތު އޮންނާނެ. އިތުރު އެއްވެސް ޕްރޮސެސްއެއް ނެތި އާންމު މެމްބަރުންނަށް މިހާރު ވަގުތުން ޕާޓީތަކުން ވަކިވެވޭނެ،“ އޮފިޝަލް ވިދާޅުވެފައިވެއެވެ.
ސިޔާސީ ޕާޓީއަކުން ވަކިވާން ބޭނުން ނަމަ ހުށަހަޅަން ޖެހެނީ އީސީގެ my.elections.gov.mv ޕޯޓަލް އަށެވެ.
ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ނުވަތަ ގާނޫނުގައިވާ ގޮތަށް އެ ޕާޓީއެއްގެ އިސް މަގާމެއް ފުރުއްވާ ބޭފުޅަކު ޕާޓީން ވަކިވެވަޑައިގަތުމަށް އެދިވަޑައިގެންފި ނަމަ އީސީގެ ޕޯޓަލް މެދުވެރިކޮށް އެ ކޮމިޝަނަށް އެލާޓު އަންނާނެއެވެ.




