ޤާނޫނު ނަންބަރު 2025/27 (ޒަކާތުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު، މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފިއެވެ.
މިއާއެކު، ޒަކާތުގެ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އިސްލާމިކް މިނިސްޓްރީގެ ދަށުން ހިނގަމުންއައި މޯލްޑިވްސް ޒަކާތު ހައުސް، މިއަދުން ފެށިގެން ވަނީ އުވާލައްވާފައެވެ.
އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަޤުސަދުތައް ހާސިލުކުރެވޭނެ ގޮތެއްގެމަތިން ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ މަޤްޞަދުގައި އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޒަކާތުގެ ބިލު ތަސްދީޤުކުރައްވާފައިވަނީ، ނިމިދިޔަ 2025 ވަނަ އަހަރުގެ ޑިސެމްބަރު 6 ވަނަ ދުވަހުއެވެ. އަދި މި ފެށުނު އާ އަހަރާއެކު، މި ޤާނޫނަށް އަމަލުކުރަން ވަނީ ފަށާފައެވެ.
އާ ޤާނޫނުގެ ދަށުން މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރެއްވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުން ނަންބަރު 2026/1 އިން މިކަން ވަނީ މިއަދު އިއުލާން ކުރައްވާފައެވެ.




