ކުޅަދާނަ އަދި ތަޖުރިބާކާރު ފިލްމް އެކްޓަރ / ޑައިރެކްޓަރ އަހުމަދު ނިމާލުއަށް ސްޓްރޯކެއް ޖެހި، އިތުރު ފަރުވާއަށް އޭޑީކޭއިން އައިޖީއެމްއެޗްއަށް މިއަދު ބަދަލުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ނިމާލްގެ ހާލު މިވަގުތު ސީރިއަސްއެވެ. އޭނާއަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭގައި ފަރުވާ ދޭން ފެށީ ރޭގެ ވަގުތެއްގައެވެ.
އައިޖީއެމްއެޗްއަށް ނިމާލް ބަދަލު ކުރިކަން ކުރީގެ ލަވަކިޔުންތެރިޔާ އަދި ނިމާލްގެ ޅިޔަނު އަލީ ރަމީޒް ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.
އުމުރުން މިހާރު 62 އަހަރު ފުރިފައިވާ ނިމާލަކީ ކުޅަދާނަ އެކްޓަރ އަދި ޑައިރެކްޓަރެއްގެ އިތުރުން އެހާމެ ތަޖުރިބާކާރު ލިޔުންތެރިއެއް، އެޑިޓަރެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ.
ފިލްމީ ދާއިރާގައި 90 ގެ އަހަރުތަކުން ފެށިގެން ވިދާލަން ފެށި ނިމާލަކީ ދިވެހީންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ އެކްޓަރެކެވެ. އަދި އޭނާއަކީ ވަރުގަދަ ފިލްމުތަކެއްގެ ލީޑް ރޯލުތަކުން ވެސް ވަރަށް ގިނައިން ފެނިފައިވާ ފަންނާނެކެވެ. އޭނާ ކުޅޭ ކޮންމެ ކެރެކްޓަރ އެއްވެސް ގެނެސްދޭ ފުރިހަމަކަމުން އެތައް ބަޔަކު ނިމާލަށް ތައުރީފު ކުރެއެވެ.
އެގޮތުން ނިމާލު އެކްޓުކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކަކީ ”ވީރާނާ“، ”ނިއުމާ“، ”މިހަށިން ފުރާނަ ދާންދެން“، ”ނޭނގި ޔާރު ވަކިވީ“ ފަދަ މަގުބޫލު ފިލްމުތަކެވެ. ދާދި ފަހުން އޭނާ ވަނީ މިހާރު އޮލިމްޕަހުން ދައްކަމުންދާ ”ލިލީ“ ގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކެރެކްޓަރ އެއް ކުޅެ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައެވެ.
ނިމާލްއަށް ސްޓްރޯކެއް ޖެހި ފަރުވާ ދެމުން އަންނަ ޚަބަރާއެކު މުޅި މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. އަދި އޭނާއަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ދުއާ ކުރަމުންނެވެ.



