މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކުޅުދުއްފުށި ސިޓީން 2 މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އެ ދެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ.
އެ ދެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށި / ފަލަސް، ޢަލީ ޔާމީން ޙަސަން (23އ) އާއި ހދ. ކުޅުދުއްފުށި / މަލުތެރޭގެ، އަޙްމަދު މުޙައްމަދު (29އ) އެވެ.
ފުލުހުން ބުނީ މި ދެ މީހުންގެ ތެރެއިން ޢަލީ ޔާމީން ޙަސަން (23އ) ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެެއެވެ.
އަދި އަޙްމަދު މުޙައްމަދު (29އ) ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
”އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ ހަތަރު ފުޅިއާއި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެެލެވޭ އެއްޗެއްހުރި ތިން ހަން އަދި ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ އެހެނިހެން ތަކެތި ފެނިފައިވޭ“ ފުލުހުން ބުނެފައި ވެއެވެ.
މި ދެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޔާމީން ޙަސަން ފަސްދުވަހަށް އަދި އަޙްމަދު މުޙައްމަދު ހަތްދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




1 Comment
މާދަމާ ތިދެމީހުން ނެރޭނެ. ކޭސް ކުލޯޒް.