އާ އަހަރާއެކު އާރުޑީސީގެ އާ ލޯގޯ ލޯންޗު ކޮށްފި އެވެ.
އާރްޑީސީން ބުނީ އެ ކުންފުނީގެ އާ ލޯގޯއިން ފެންނަނީ ދިވެހިންގެ އަތްތެރިކަމުގެ އެންމެ އަސާސީ ބިންގާ ކަމަށެވެ.
”ދިވެހި ރުކުގެ ފަން ވިނުމުގެ ފުރަތަމަ މަރުހަލާ ފެންނަ މި ލޯގޯއިން އާރުޑީސީގެ އުފެއްދުންތެރިކަމާއި އިމާރާތްކުރުމުގެ ފެށުން ދައްކުވައިދޭ.
ދިވެހިރާއްޖޭގެ އާދަކާދައާއި ސަގާފަތުގައި ދިވެހި ރުކުގެ ފަނުން ވިޔެފައިވާ ފުރާޅުތަކާއި ފާރުތަކަކީ އަޅުގަނޑުމެންގެ ކާބަފައިން ދިރިއުޅުމުގެ ކަންކަމަށް އޭރު ބޭނުންކޮށްފައިވާ އެންމެ މުހިންމު އެއް ވަސީލަތް“ އާރްޑީސީން ބުނެފައި ވެއެވެ. އާރްޑީސީން ބުނީ ކުރީޒަމާނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފެނިގެންދިޔައީ ފަނުން ވިޔެފައިވާ ގެތަކާއި ފުރާޅުތަށް ކަމަށާއި ފަން ވިޔުމުގައި ކޮންމެ ފަތެއް އަނެއް ފަތަކާ ގުޅި، ބާރުވެރިވެ، އެކުގައި ވަރުގަދަ އެއްޗަކަށް ވެގެންދާ ކަމަށެވެ. އަދި މިއީ ދިވެހިންގެ ދިރިއުޅުމުގައި ފެންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރަމްޒު ކަމަށާއި މިއަދު އެ ކޯޕަރޭޝަން ރީބްރޭންޑް ކުރުމުގައި އެ ވިޔުމުގެ ފަންނުން ”އިންސްޕިރޭޝަން“ ލިބިގަންނަނީ ގެދޮރު އިމާރާތްކުރުމަށް ބޭނުންކުރި ދިވެހި ރުކުގެ ފަނުން އެކުލެވިގެންވާ މުހިންމު މާނަތަކުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
ފަން ވިނުމުގެ ފުރަތަމަ ފަންވަތް މަޅާލުމުން ފެށިގެން ނިޒާމެއް އުފެދިގެން އަންނަ ގޮތް ދައްކުވައިދޭ މި ލޯގޯއަކީ އެ ކުންފުނީގެ މަސައްކަތުގެ ވާހަކަ ކިޔައިދޭ ލޯގޯކަމަށާއި ައެ ކުންފުނިން ކުރާ ކޮންމެ މަސައްކަތަކީވެސް ބިންގަލެއް އެޅުމަށް އަދި ގުޅުންތަކެއް އުފެއްދުމަށް ކުރާ މަސައްކަތްތައް ކަމަށް އާރްޑީސީން ބުނެފައި ވެއެވެ.
އެކަކު އަނެކަކާ އެކުވެރިކަން އާލާކޮށް ގުޅުންތައް ވަރުގަދަވުން އެއީ މި ލޯގޯގެ އެއް މާނަ ކަމަށާއި ވިޔުމުގެ ޕްރޮސެސްގައި ކޮންމެ ފަންވަތެއް އަނެއް ފަންވަތާއި ގުޅި، އެއްބާރުލުން ދީ، އެހީތެރިވެދޭ ފަދައިން، މި ކުންފުނިން ވެސް ފެންނަނީ އެފަދަ ގުޅުންތައް ކަމަށާއި މުވައްޒަފުންގެ ދެމެދުގައި އޮންނަ އެކުވެރިކަމާއި ގާތްކަމުގެ ގުޅުން ކަމަށް އާރްޑީސީން ބުނެފައި ވެއެވެ.
*މީގެ ކޮންމެ ގުޅުމަކީވެސް ކުންފުނީގެ ކޮންމެ ޑިޕާޓްމަންޓަކުންވެސް ކުރާ ވަކިވަކި މަސައްކަތްތަކާއި އެކުވެގެން އުފެދޭ ވަރުގަދަ ގުޅުމެކެވެ.ދިވެހި ރުކުގެ ފަނުން ވިޔެފައިވާ ފުރާޅެއް ފަދައިން، މި ކުންފުނީގައި ކޮންމެ މުވައްޒަފެއްގެ
ދައުރަކީވެސް ކުންފުނީގެ ކޮންމެ މުއައްޒަފެއްގެ އެކުވެރިކަމާއި އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތެވެ. އަދި މި ކުންފުނީގެ ކޮންމެ މުއައްޒަފަކީވެސް އެކުވެރި މާހައުލެއްގައި މައްސައްކަތް ކުރަމުން އަންނަ މުއައްޒަފުންނެވެ.* އާރްޑީސީން ބުނެފައި ވެއެވެ.
”މި ކުންފުނީގެ ލޯގޯގައި ހަ ކަން (ހެކްސަގޮން) މި ބައްޓަމުން ދައްކުވައިދެނީ ކުންފުނީގެ ހަރުދަނާކަމާއި، ބިންގަލުގެ ވަރުގަދަކަމެވެ.
ރީބްރޭންޑްކުރުމުގެ މި މަސައްކަތަކީ އަޅުގަނޑުމެންގެ ކުންފުނީގެ އާ ފެށުމެކެވެ. ދިވެހި އަތްތެރިކަމުގެ ފުރަތަމަ މަރުހަލާއިން ފެށިގެން، މި ކުންފުނިވެސް އާ ފޮޅުވަތެއް ލިޔަމުން މިދަނީ އެ އަސާސީ ހަމަތަކުގެ މައްޗަށް ބިނާކޮށެވެ. މި ލޯގޯއަކީ މި ކުންފުނީގެ މާޒީއާއި މުސްތަޤްބަލު ގުޅުވައިދޭ ފާލަމެވެ.“ އާރްޑީސީން ބުނެފައި ވެއެވެ.
އާރްޑީސީން ބުނީ އެ ކުންފުނީގެ މަޤްޞަދަކީ މަގުތައް ހެދުމާއި، ދާލަންތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ހައިވޭތަކާއި ކޯޒްވޭތައް ހެދުމާއި، އިމާރާތްކުރުމާއި އިމާރާތްކުރާ ސާމާނު ފޯރުކޮށްދިނުމެވެ.




