ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހުއްދަ ނެތި ވިޔަފާރިކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ކަމެއް ފޯރުކޮށްދިނުމަށް އެކި ވިޔަފާރިތައް ކުރުމާއި ޚިދުމަތް ދިނުމުގެ ހުއްދަ ވަކި ޚާއްސަ އުސޫލުތަކަކާއި އެއްބަސްވުންތަކެއްގެ ދަށުން ދޫކުރާނީ އެ ކުންފުނިން ކަމަށެވެ.
އެގޮތުން އުސޫލުތަކާއި އެއްބަސްވުންތަކުގެ ތެރެއިން ހުއްދަ ދޫކޮށްފައިވާ ފަރާތްތައް ނޫން ބަޔަކު އެ އެއާޕޯޓުގައި ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރުމަކީ މަނާކަމެއްކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
އަދި އެއާޕޯޓުގައި ސިމް ވިއްކުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ވިޔަފާރިއާއި ޚިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާނީ ކަމާގުޅޭ ލައިސަންސް އޮންނަ އެމްއޭސީއެލުން ހުއްދަ ދީފައިވާ ފަރާތްތަކަށްކަން އެމްއޭސީއެލުން ބުނެފައިވެއެވެ.
އެ ކުންފުނިން ބުނީބއެހެން ފަރާތަކުން އެފަދަ ވިޔަފާރިތައް އެއަރޕޯޓުގައި ކުރިއަށްގެންދިއުންވެސް މަނާވާނެ ކަމަށާއި ހުއްދަ ދީފައިވާ ފަރާތްތަކަށްވެސް އެ ހުއްދަ ދީފައިވާ ޚިދުމަތެއް ނޫން އެހެން އެއްވެސް ޚިދުމަތެއް ދިނުންވެސް މަނާވާނެ ކަމަށެވެ.
ހުއްދަ ދީފައިވާ ފަރާތްތަކުންވެސް އެ ވިޔަފާރިއެއް ދޭންޖެހޭނީ އެކަމަކަށް ކަނޑައަޅާފައިވާ ޖާގައިގައި ހުންނަ ކައުންޓަރުން ނުވަތަ ވަސީލަތަކުން އެކަނި ކަމަށްވެސް އެމްއޭސީއެލުން ވިދާޅުވިއެވެ.
އަދި އެފަދަ ޚިދުމަތް ދޭ ފަރާތްތަކުން ތިބެންވާނީ ތަމްސީލުކުރާ ކުންފުނީގެ ޔުނިފޯމު ލައިގެން ނުވަތަ ފާސް އަޅައިގެން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެމްއޭސީއެލުން ބުނީ ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި އެއަރޕޯޓުން ޚިދުމަތް ހޯދާ އެހެނިހެން މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެއަރޕޯޓުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ އެ ކުންފުނީގެ ޒިންމާއަކަށްވާތީ ހުއްދަ ނެތި އެއްވެސް ވިޔަފާރިއެއް ކުރާކަން ފާހަގަކުރެވިއްޖެނަމަ ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެ ކަމަށާއި އެފަދަ ފިޔަވަޅެއްގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމަކަށް އެ ކުންފުނިން ޒިންމާ ނުވާނެ ކަމަށެވެ.



