ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ބަންގްލަދޭޝްއަށް ވަޑައިގެންނެވި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ހިޒް އެކްސެލެންސީ ޑރ. މުޙައްމަދު ޔޫނުސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ، މިއަދު އެ ގައުމުގެ ވެރިރަށް ޑާކާގައެވެ. މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު، ބަންގްލަދޭޝްއަށް ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، އެ ޤައުމުގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ޗީފް އެޑްވައިޒަރ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރު ޑރ. ޙައިދަރު އެ ގައުމަށް މިފަދަ ދަތުރުފުޅެއް ކުރެއްވީތީ ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ރައީސް މުޢިއްޒުގެ ފަރާތްޕުޅުން ތަޢުޒިޔާ ދަންނަވާ، ބޭގަމް ޚާލިދާ ޒިޔާއަކީ ރާއްޖެއާއި ގާތް ގުޅުމެއް ބޭއްވެވި ބޭކަނބަލެއްކަން ފާހަގަކުރައްވާފައެވެ. އަދި، ރާއްޖެއަށް ބަންގްލަދޭޝްއަކީ މުހިންމު ގައުމެއް ކަމަށާއި، ދިވެހި މުޖުތަމަޢު ތަރައްގީ ކުރުމުގައި އެ ގައުމުގެ މަސައްކަތްތެރިންގެ ދައުރަށް، މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، ދިވެހި ދަރިވަރުން މެޑިކަލް އިންޓަރންޝިޕް ނިންމުމުގައިި އެ ގައުމުން ފަހިކޮށްދެމުންދާ ފުރުސަތުތަކަށްވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
ޗީފް އެޑްވައިޒަރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއަކީ ގާތް އެކުވެރި ދެ ގައުމުކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް) ގެ ގައުމުތަކުގެ ވެރިންނާއި ބައްދަލުވެވަޑައިގެންފައިވާ ކަމަށާއި، ޖަމާއަތެއްގެ ގޮތުގައި އަދިވެސް ސާކް ހަރަކާތްތެރިވާކަމުގެ ޔަގީންކަން އޮތްކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ހައިދަރު ވަނީ، އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ކާމިޔާބުކަމާއެކު ބޭއްވޭނެ މަގުފަހިވުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
ޗީފް އެޑްވައިޒަރު ވަނީ، ބަންގްލަދޭޝްގެ މިހާރުގެ ސިޔާސީ ހާލަތާ ގުޅޭ ތަފްސީލް ހިއްސާކުރައްވައި، ރާއްޖެއިން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. މިބައްދަލުވުމުގައި، ކަނޑުގެ ދިރާސާގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިއަދުގެ ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން މިނިސްޓަރ ހައިދަރު ވަނީ ރައީސް މުޢިއްޒުގެ ތައުޒިޔާގެ މެސެޖެއް ޗީފް އެޑްވައިޒަރާއި ހަވާލުކުރައްވާފައެވެ.



