ސަރުކާރުގެ އަމާޒަކީީ ނޫސްވެރިކަމަށް ފަހި މާޙައުލެއް ރާއްޖޭގައި ދެމެހެއްޓުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުަހައްމަދު މުއިއްޒަު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
އެމަނިކުފާނުގެ ޚިޠާބުގައި، ވިދާޅުވެފައިވަނީ ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާ، އެކި ދާއިރާތަކުން ތަޢުލީމާ ތަމްރީނުގެ ފުރުޞަތު މީޑިއާތަކަށް އިތުރުކޮށްދިނުމާ، ޚަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައެވެ. އަދި ސަރުކާރުގެ އަމާޒަކީ، ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަނެޓާ ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށްވެސް ފަހި މާޙައުލެއް ރާއްޖޭގައި ދެމެހެއްޓުންކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.
މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތެދު މަޢުލޫމާތު ފެތުރުމަށް ބާރުއަޅުއްވާފަ އެވެ. އަދި ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނުމާ، ކޮންމެ ކަމެއްގެ ހަގީގަތްވެސް ހޯދައިބެލުމަށްވެސް، އެންމެން ސަމާލުވުމަށް އެމަނިކުފާނު ބާރުއެޅުއްވި އެވެ.
”ދޮގާއި ތެދު ހިމެނޭހެން ކެނޑިނޭޅި މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނުމާއި، ކޮންމެ ކަމެއްގެ ޙަޤީޤަތްވެސް ހޯދައިބެލުމަށްވެސް، އެންމެން ސަމާލުވާން ޖެހޭ. އެއީ، ދުލުން ނުވަތަ ގަލަމުން ކޮށްލެވޭ ޒަޚަމެއްގެ ސަބަބުން އަޅާ ވޭނާއި، އުފެދޭ ނުތަނަވަސްކަމުން، އަންދާޒާ ނުކުރެވޭވަރުގެ ބޮޑެތި ގެެއްލުން މުޖުތަމަޢަށް ލިބިގެން ދިޔަ ނުދިނުމަށްޓަކައި.“ ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ނޫސްވެރީންގެ ޤައުމީ މަސްއޫލިއްޔަތާ ވާޖިބު ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއެކު އަދާކޮށްދިނުންމަތީ ދެމިތިބުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ޤައުމު ބިނާކޮށް، ޙާލަތު ރަނގަޅުކޮށް، ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންދިއުމަށް ފަށާފައިމިވާ ދަތުރުގައި ސަރުކާރާ، ނޫސްވެރީންނާ، ޚިދުމަތްތެރީންނާ، ހުރިހާ ރައްޔިތުންވެސް އަތުގުޅާލައިގެން އެއްބައިވަންތަކަމާއެކު ކުރިއަށް ދިއުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.




